ޚަބަރު
ފައިސާ ޗާޕްކުރަން ދިން ހުއްދައިގެ މުއްދަތު އިތުރު ނުކޮށް، ގާނޫނު ފުރިހަމައަށް އިޔާދަކޮށްދޭން ޑރ. ޝަފީގު އެދިވަޑައިގެންފި

ޕަބްލިކް ބޭންކް އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ ޗާޕް ކުރަން ނިމިދިޔަ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުން ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުން، އެ މުއްދަތު އިތުރުނުކޮށް، ހަރަދަށް ޒިންމާވާ ގާނޫނު ފުރިހަމައަށް އިޔާދަކޮށްދެއްވުމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އެދިވަޑައިގެންފިއެވެ.

Ads by Lozano

ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކަށް އަމަލުކުރުން ސަސްޕެންޑްކޮށް، އެ މާއްދާތައް އިސްތިސްނާކޮށް މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ޕަބްލިކް އެކައުންޓުން 4.4 ބިލިއަން ރުފިޔާ އޯވަޑްރޯ ކުރުން ނުވަތަ ދަރަންޏަށް ނެގުމަށް އެއް އަހަރު ދުވަހުގެ ހުއްދައެއް ދޭން ރައްޔިތުންގެ މަޖިލީހުން ފުރަތަމަ ފާސްކުރީ، 2019 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށް އައި ލޮޅުން ހަމައަކަށް އެވުމަށްޓަކައި ދައުލަތުގެ ކޭޝްފްލޯ މެނޭޖުކުރުމަށްޓަކައެވެ. އެ ހުއްދަ ދިނީ 2020 ގައެވެ.

އޭރު އެކަމަށް މަޖިލީހުން ދިން މުއްދަތު ދެ ފަހަރެއްގެ މަތިން ވަނީ އިތުރުކޮށްފައެވެ. އެންމެ ފަހުން އެކަމަށް އިތުރުކޮށްދިން މުއްދަތު ހަމަވާނީ މި މަހުގެ 31ގެ ނިޔަލަށެވެ. ނަމަވެސް އެ މުއްދަތު އިތުރު ނުކުރުމަށް އެދިވަޑައިގެން ފިނޭންސް މިނިސްޓަރު ވަނީ މަޖިލީހަށް ސިޓީއެއް ފޮނުއްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ފޮނުއްވި މި ސިޓީގައި މިނިސްޓަރު ވިދާޅުވެފައި ވަނީ، ރާއްޖޭގެ އިގުތިސާދީ ހިސާބުތަކަށް ބަލާއިރު ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން 2019 އަހަރު ހުރި މިންވަރަށް ރާއްޖޭގެ ރިޔަލް ޖީޑީޕީ މިދިޔަ 2022 ވަނަ އަހަރު ފަހަނައަޅާ ގޮސްފައިވާ ކަމަށެވެ. އަދި 2022 ވަނަ އަހަރު ދައުލަތަށް ލިބުނު އާމްދަނީވެސް 2019 ވަނަ އަހަރު ލިބުނު އާމްދަނީއަށްވުރެ އިތުރުވެފައިވާތީ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މިހާރު ނެތް ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އަންނަ ޖެނުއަރީ މަހުގެ އެެއްވަނަ ދުވަހުން ފެށިގެން ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) އިސްތިސްނާކުރުން ނިމުމަކަށް ގެނެސްދެއްވައި އެ ގާނޫނު ފުރިހަމައަށް އިޔާދަކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

“އަންނަ 2024 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓްގެ ފައިނޭންސިން ޕްލޭންގައި ރާވާފައިވާ ފަދައިން އިސްތިސްނާގެ މުއްދަތު ހަމަވާއިރު ދައުލަތުުގެ ޕަބްލިކް ބޭންކް އެކައުންޓް އޯވަޑްރޯ ވެފައިވާ މިންވަރު އެއްކޮށް ސެކްރަޓަރައިޒްކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރަށް އިޝޫކުރާ ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލުކުރަން ރާވާފައިވާ ކަމަށް މައުލޫމާތައްޓަކައި ދަންނަވަން،” މިނިސްޓަރުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top