ވާހަކަ
ހިރާސް – 1

ކުކުޅު ގޮވާއަޑެވެ. ނޫނެކެވެ. ހާލެކެވެ. އަހަރެންގެ ފޯނުގެ އެލާރމެވެ. އަހަރެންނަށް މޮޔަވެގެން ލެވުނު އަޑެކެވެ. ފުއްމައިގެން ތެދުވެވުނީ ކުޑަދޮރުން ބޭރު އަލިވެފައިވުމުންނެވެ. އެހާ އަވަހަށް އިރުއެރީ ހެއްޔެވެ.؟ އަދި ނިދުނުތާ ދެގަޑިއިރު ހަމަނުވެއެވެ. އެނދުކައިރީގައި ހުރި އެލާމް ގަޑި އަހަންނަށް ފެނުނީ ޖިންނިއެއް ފަދައިންނެވެ. ކުޑަ ކަށި ހަތެއް ފަހަނައަޅާ ދަނީއެވެ. އަށެއް ޖަހަނީއެވެ. ގަޑި ޖެހެނީއެވެ. ގަޑި ޖެހިއްޖެއެވެ. އަހަރެން އެނދުން ވެއްޓުނީ ގަސްދުގައެއް ނޫނެވެ. ހަމަ ވެއްޓުނީއެވެ. ފާހަނައަށް ވަދެ ފަސް މިނެޓުން ފެންވަރައިގެން ނިކުތް އިރު ސައިބޯނި ލެވުނު ކަމެއް ނޭނގެއެވެ. ހަމަގައިމުވެސް ދަތް އުނގުޅީމެވެ. ފެންހިއްކައިގެން ތުވާލި އޮޅައިގެން ސިޓިންރޫމަށް ނިކުތް އިރު ދޮންތަ ސޯފާގައި ހަމަޖެހިލައިގެން އިނެވެ. ހާދަ ހެއްވާ އަންހެނެކެވެ.

Ads by Lozano

“ދޮންތާ..” އަހަރެން ކަރުބުޑުން ހަޅޭލަވައިގަތީ މައްޗާއި ތިރީގައިވެސް ނުހޭލާ ތިބި މީހުން ހޭލެވޭނެހާ ބާރަށެވެ. އެމީހުންނަށް ރަނގަޅެއް ނޫންހެއްޔެވެ. އަހަރެން ފަކީރަށް ގޮވާނެ މީހަކުވެސް ނުވިޔެވެ. ދޮންތަ އަޑު އިވޭކަމަށްވެސް ނުހަދާ އިނުމުން އަހަރެން ދިޔައީ ބަދަލުހިފާށެވެ. އެހެންނަމަވެސް ސޯފާ މަތީ އިސްތިރިކޮށްފައި އޮތް ޔުނީފޯރމް ފެނި ހިޔާލު ބަދަލުވިއެވެ. އަހަންނަށް އަދި ނުގޮވިޔަސް އިސްތިރިކޮއްފިއެވެ. އިސްތިރިކުރިޔަސް ބޭނުމެއް ކޮބާހެއްޔެވެ. ގަޑި ޖެހުނީއެވެ.

“ލަޔާނާ. ކީއްވެތަ މަށަށް ނުގޮވީ. އަނެއްކާ ގަޑި ޖެހުނީއޭ. ދެރަކަމެއްނު…” ޔުނީފޯމް ހިފައިގެން ދަމުން ކުޝަން ނަގާ އޭނާގެ ގައިގައި ގައިހުރި ބާރަށް ޖަހާލީމެވެ. އިންގޮތަށް އިނދެ ރޯންފަށައިފިއެވެ. އަހަރެންނަށް ވުރެ ދެ އަހަރު ދޮށިއިރުވެސް ބޮޑު ފިނޑިއެކެވެ. މުސްކުޅިވެ ނުރަޖެހިޔަސް އޭނާ ބޮޑެއް ނުވާނެއެއެވެ. އަހަރެންހާ ވަރުގަދައެއް ނުވާނެއެވެ. ރީއްޗެއްވެސް ނުވާނެއެވެ. ބައެއް ޓީޗަރުން އަހަރެންދެކެ ޖެހިލުންވެއެވެ. އަންހެން ކުދިން އަހަރެން ފެނުމުން މޮޔަވެއެވެ. އަހަންނަށް ވަރިހަމައެވެ. އަންހެނުންނަކީ ދުނިޔެމަތިން އަހަރެން އެންމެ ފޫހިވާ މީހުންނެވެ.

ތައްޔާރުވެގެން ނުކުމެވުނުއިރު ދޮންތަ ސޯފާއަކު ނެތެވެ. ސުކޫލަށް ގެންދަން ހުރި މީހާ ފިލީއެވެ. އަހަންނަށް ޖެއްސުމަށެވެ. އޭނާގެ ދުވަހީ ދިރިއުޅުން ފުރިހަމަވާނީ އަހަރެން ކޮންމެވެސް ގޮތަކުން ހާލުގައި ޖައްސާފައެވެ. މިއަދު ސުކޫލުން އަންނަ ގޮތަށް ރޮއްވާލާނީއެވެ. ފޯނު އަތުލާއިރަށް ރޯނެއެވެ. އެހާވެސް ފަސޭހައެވެ.

އަހަރެންގެ އެޕާޓްމަންޓް ހުންނަ އިމާރާތުން ނުކުމެވުނުއިރު ދޮންތަ އިނީ ސައިކަލު މަތީގައެވެ. އަހަރެން ކުޑަކޮށް ރަކިވިއެވެ. ދޮންތަ ބައެއްފަހަރު ވަރަށް ރަނގަޅުވާނެއެވެ. ސުކޫލު ދޮށަށް ދެވުނީ އަދި އިތުރު ދިހަ މިނެޓް ލަހުންނެވެ. ދޮންތައަށް ތަންކޮޅެއް މޮޅަށް ސައިކަލު ދުއްވަން އިނގޭނަމަ މިއަށްވުރެ އަވަސް ވާނެއެވެ. ފަލަކަމުން ސައިކަލު ދުވަނީވެސް އެހާމަޑުންނެވެ. ކޮންމެ ދުވަހު ޖިމަށް ގޮސް ކުރާ ކަމެއްވެސް ނޭނގެއެވެ.

ސުކޫލު ދޮރާށިން ވަދެވުނުއިރު އެސެންބުލީ ނިމި ކުލާސްތައް ފެށިއްޖެއެވެ. މިއީ ކޮންމެ ދުވަހަކުވެސް އަހަރެންގެ ހާލެވެ. އިއްޔަ ދީފައި އޮތީ އެންމެ ފަހުގެ އިންޒާރެވެ. އޮތްހާވެސް ގޮތަކީ ލީޑީން ޓީޗަރަށް ނުފެނި ގޮސް ލައިބްރަރީ އަށް ވަނުމެވެ. އެތާ އިނދެފައި ފުރަތަމަ ގަޑި ނިމުމުން ކުލާހަށް ދާނީއެވެ. އޭރުން ހުރިހާކަމެއްވެސް ދާނީ ރަނގަޅަށެވެ. އެހެންނަމަވެސް އަހަރެންގެ މާސްޓާރ ޕްލޭން މަސައްކަތް ކުރާ ގޮތެއް ނުވިއެވެ. މިއުޅޭ ނީލް އެކޭ ކިޔާ ހަންޑިއަކާއި ހެދިއެވެ. އަހަރެން ފެނުމާއެކު ޒަޔާން އޭ ކިޔާ ހަޅޭލަވައިގަނެފިއެވެ. މި އަންހެނަކު ގްރޭޑް ފަހަކުން ފެށިގެން އަހަރެން ފަހަތުން ނުނެއްޓެއެވެ.

އޭރު ކޮރިޑޯގައި ހުރި ހުރިހާ ކުލާހެއްގެ ހުރިހާ ކުޑަ ދޮރަކުން ކުދިންތައް ބޯދިއްކުރަން ފަށައިފިއެވެ. ހާސްކަމާއި އެއްވަރަށް ރުޅިވެސް ގަދަވިއެވެ. ނިކަން ބާރަށް ހިނގައިގަތީ އެންމެ ކައިރީގައި ހުރި ފާޙާނާއަށެވެ. ސަލާމަތް ވާން އޮތީ އެތަނުންނެވެ. އެހެންނަމަވެސް އަހަރެން ފިޔަވަޅުތައް ހުއްޓުނީ ފަހަތުން ގުގުމާލި ޒީލަގަދަ އަޑުންނެވެ.

“ޒަޔާން.” އެއީ މިޒްނާ މިސްއެވެ. އަހަރެންގެ ބިރުވެރި ލީޑިން ޓީޗަރެވެ. ސުކޫލުގައި މިވަގުތު ހުރި އެންމެ ވަރުގަދަ ހިސާބު އިލްމުވެރިޔާއެވެ. ހުރިހާ ކުދިން ބިރުގަންނަ މިޒީއެވެ. އަހަރެން މަޑުމަޑުން ފަހަތައް އެނބުރުނުއިރު އުސް ފޮތް ބަރިއެއް ހިފައިގެން މިޒީ ހުރީ ދެބުމަ ގޮއްޖަހައިގެންނެވެ. މިސްއާއި އަހަރެން ފިޔަވާ އެކަކުވެސް ކޮރިޑޯގައި ނެތެވެ. ކުލާސްތަކުން އިވެމުން ދިޔައީ ހަމައެކަނި މުދައްރިސުން ކިޔަވާދެއްވާ އަޑެވެ. މިޒީގެ ބާރުގަދަކަން މިކަމުން އެކަނިވެސް ދޭހަވާނެއެވެ.

އެއްވެސް އެއްޗެއް ނުބެނެ މިސް އެނބުރި ހިނގައިގަތީ އެ ތޫނުލޮލުން އައުމަށް އިޝާރަތް ކުރަމުންނެވެ. ހިންދިރުވާލަމުން ހިނގައިގަތްއިރު ކުލާސް ތަކުގެ ކުދިން ޗުކުޗުކު ލައްވަމުން ދިޔައެވެ. ކޮންމެ ދުވަހަކު ފަލަ ސުރުހީގައި އަހަރެންގެ ނަން ކޮންމެވެސް ދިމާލަކު އޮންނާނެވެ. އަހަރެން ބައެއްފަހަރު ވަރަށް އުފާވެއެވެ. އަހަރެންގެ މަޝްހޫރުކަމުންނެވެ. މިޒީ ނޫޅޭނަމަ މި ސުކޫލުގައި ވެރިކަން ކުރާނީ އަހަންނެވެ. އެހެންނަމަވެސް ދެން މާގިނަދުވަހެއްވެސް ނެތެވެ. އެންމެ ދެ މަހެވެ. މި ދެމަސް ނިމުމުން ޔުނީފޯރމާއި ފޮތްތައް ކަނޑަށް އުކާލާނީއެވެ. ނޫނީ އަންދާލާނީއެވެ. ކޮންމެވެސް އެއްގޮތެކެވެ.

“ޒަޔާން މިއަދު ގެއަކަށް ނުދެވޭނެ. ގަޑިޖެހިގެން ސުކޫލަށް އައުމަކީ ވަރަށް މޮޅުކަމެކޭތަ ޒަޔާން ހީކުރަނީ. ހުރިހާ ފިލާވަޅަކާއި ސްކިޕް ކުރި ހުރިހާ އެގްޒާމެއް ނިންމާފަ ނޫނީ ގެޔަކަށް ނުފޮނުވާނަން. ބޭބީ ނާރސަރީއެއް ނޫނޭ މީ. އޭލެވެލް! ކިތައް ދުވަހު ނަސޭހަތް ދީފަ ދޫކޮށްލާނީ. އަޑު އިވޭތަ މީނދަ ދެކަންފަތަށް. ޒަޔާން.!!” މިޒީގެ ބަސްތަކުން އަހަންނަށް ހީވީ މަރުގެ ޙުކުމް އިއްވިހެންނެވެ. އަހަރެންގެ ދޫހަރަކާތް ކުރެވޭ ގޮތެއް ނުވިއެވެ. އެހެން ނަމަވެސް ކޮންމެވެސް ގޮތަކުން ނަފްސު ދިފާޢު ކުރަން އެބަޖެހެއެވެ.

“ދޮންތަ އެއް ނުގޮވާ މިއަދަކު.” އަހަރެން ބުނީ ތެދަށެވެ. އެހެންނަމަވެސް މިޒީ އެކަން ޤަބުލުކުރާނެ ހެއްޔެވެ. އަހަރެންގެ މަޢުޞޫމުކަން ދެނެވޮޑިގަންނަވަނީ ﷲ އެވެ.

“ޒަޔާން ތީ ބޭބީއެއްތަ؟ ކޮންމެ ދުވަހަކު ގޮވަން. މިހާރު ތިހުރީ ބޮޑު ފިރިހެނަކަށް ވެފަ. ދޮންތަ ނުގޮވިޔަސް ތެދުވަން ޖެހޭނެއްނު. މިސްއަށް އިނގޭ ރޭގަ ދޭއް ޖެހިއިރުވެސް ޒަޔާން އުޅުނީ ބޭރުގަ ކަން.” އަހަރެން ސިއްސައިގެން ދިޔައީ މިޒީ އެންމެ ފަހުން މިބުނި ބަސްތަކުންނެވެ. އަހަރެން ދަންވަރު ބޭރުގައި އުޅުނުކަން އިނގޭނެ މީހެއް މި މާލެއަކު ނުހުންނާނެއެވެ. ދޮންތައަކަށް ވެސް ނޭނގޭނެއެވެ. ދެން މި މިޒީ އަށް އެނގުނީ ކިހިނެއްހެއްޔެވެ. އަހަރެންގެ އެންމެ ބޮޑު ސިއްރު މިޒީއަށް އިނގެނީ ހެއްޔެވެ. އެކަމަކު އެއީ ވާނެ ކަމެއްނޫނެވެ. އަހަރެން ނިކަން ހަމަޖެހިލަމުން ބޯހުރުވާލީމެވެ.

“ރެއަކު ބޭރަކަށް ނުދަން. ގޭގަ އިނީ.” އަހަރެން ބުނެލީ މިޒީއާއި ހަތަރުކަޅި ހަމަކުރަމުންނެވެ. މިޒީ އަހަންނަށް ބަލަން އިނީ ޑިޓެކްޓިވް އަކު ކުއްވެރިއަކަށް ބަލާފަދަ ނަޒަރަކުންނެވެ. އެހެން އިރުގަނޑަކު އިނދެފައި އަހަރެން ކުލާހަށް ފޮނުވާލީ އިންޒާރުތައް ތަކުރާރު ކުރަމުންނެވެ. ބިރުވެރި އިންސާނެކެވެ.

ސުކޫލު ގަޑި ނިމިގެން ކުދިންތައް ކުލާހުން ނުކުތްއިރު އަހަރެން އިނީ ގޮނޑީގައެވެ. މާޔޫސްވެ ގޮތް ހުސްވެފައެވެ. ގެޔަށް ދާހިތުން ސިކުނޑިއާއި ހިތްވެސް ރޮނީއެވެ. އެކަމަކު މިއަދު އަހަންނަކަށް ފިލައިގެންވެސް ދާކަށް ނުކެރޭނެއެވެ. އިރުކޮޅެއްފަހުން އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ލޫތު ކުލާސް ތެރެއަށްވަދެގެން އައީ ޗިޕްސް ޕެކެޓެއް ހިފައިގެންނެވެ.

“ބްރޯ. އަނެއްކާ ކިހިނެއްވީ؟” މަލާމާތުގެ ރާގަކަށް ހިނިގަނޑެއް ޖަހާލަމުން އޭނާ ބުނެލިއެވެ. އަހަރެން އެ ސުވާލެއް ޖަވާބުދޭ ހިތް ނުވުމުން ލޯ ހިންގާލުމަށް ފަހު ދުރު ބަލާލީމެވެ.

“މިޒީސް ދޯ… ހައްހަހާ ޗިޕްސް ކައިގެން އިނދޭ ޑިޓެންޝަންގަ. މަށަކަށް ނުކެރޭ މިޒީ ކޮންވިސް ކުރާކަށް.” ޗިޕްސް ޕެކެޓް އަހަންނާ ދިމާލަށް އެއްލާފައި ލޫތު ނުކުމެގެން ދިޔައީ އަހަރެން އެކަނި މި ހަނގުރާމައަށް ދޫކޮށްލާފައެވެ. ހެޔޮވަނީވެސް ކިހިނެއްހެއްޔެވެ. އަހަރެން ޑެސްކުގައި ބޯއަޅާލީ ރޭގައި ނުނިދުނު ނިދިކޮޅު ނިދާލާށެވެ. ދެލޯ ރަނގަޅަސް ނުމެރޭނީސް މިޒީ އައިސް ވަދެއްޖެއެވެ. ފަހަތުން އަކުމަލް ވެސް އައެވެ. އަކުމަލް އަކީ އަދި އަހަންނަށް ވުރެ ނުބައިކަން ބޮޑު މީހެކެވެ. ސުކޫލަށް އަންނާނީ ހަފްތާއަކު ދެފަހަރުއެވެ. މީގެ ތިން ހަފްތާކުރިން ސަސްޕެންޑް ކޮއްފައިހުރީ ސުކޫލު ފާޙާނާގައި ދުން ދަމާއިގެންނެވެ. އަހަރެން ކޮންމެ ގޮތަކަށް އުޅުނަސް އެކަހަލަ ކަންކަމެއް ނުކުރަމެވެ. ސިގިރޭޓާއި ވޭޕަކީ އަހަންނަށް ވަރަށް ފަކުރު މުޑުދާރު އެއްޗެކެވެ.

“ތިހެން އިންނަންވިކީ ނޫން.. މި ވޯކްޝީޓްތައް ނިންމާ.. ނޭނގޭއެއްޗެހި މިސް ގާތުގަ އަހާ. މިތަން ނިންމާފަ ޕްރެޔާރ ރޫމަށް ގޮސް ނަމާދުކޮށްގެން އަންނާނި.” މިޒީ ކޮންމެ އަމުރަކަށް އަހަރެން ބޯޖެހީމެވެ. ކިޔަމަންތެރިވެގެން ސަލާމަތް ވެވޭކަހަލަ މީހެއްނަމަ ރަނގަޅެވެ.

އަހަންނަށް ގެއަށްދެވުނީ މެންދުރުން އަނބުރާ ދޭއް ޖެހިފަހުންނެވެ. އަހަންނަށް ވުރެ މާ ބަސްނާހާ އުޅޭ އަކުމަލް އެކެއް ނުޖަހަންދެން ގެއަށް ފޮނުވައިފިއެވެ. މިޒީ ހީވަނީ އަހަންނާއި ޒާތީ ގޮތުން ޖައްސާލައިގެން އުޅޭ މީހެއް ހެންނެވެ. ގޭތެރެއަށް ވަދެވުނު އިރު އަހަންނަށް ހީވި ފުރާނަ ހަށިގަނޑުން ވަކިވެދާނެ ހެންނެވެ. ހެނދުނު ހޭލިގޮތަށް ބަނޑަށް އެއްޗެއް ނުލާހުރިއިރު ބަނޑުހައިވެގެން ގޮސް މޫނުވެސް ހުރީ ހުދުވެފައެވެ. ނަސީބަކުން ދޮންތަ ކައްކާ ވަސް އެބަ ދުވައެވެ. ސޯފާއަށް ދަބަސް އެއްލާލަމުން ބަދިގެއަށް ވަތްއިރު މޭޒުމަތީގައި ހުރި ނޫޑްލިސް ތެލިން އަރާވަހުން އެކަނި ވެސް ބަނޑުފުރުނުހެން ހީވިއެވެ. އަހަރެންގެ ދޮންތަ ފިނޑިއަކަށް ވިޔަސް ނިކަން މޮޅަށް ކައްކާނެއެވެ.

“ޒެން. ތި އެއްކޮށް ހުސްކޮށްލާނީކީ ނޫން. ދޮންތަ އާއި އަޒާއަށް ކެވޭވަރަށް ބަހައްޓާތި!” ދޮންތަ މިހާ މީރު އެއްޗެއް ހަދާނީވެސް އޭނާގެ އެކުވެރިއެއް ގެއަށް ގެންނަ ނަމެއެވެ. އެކުވެރިން ގެންނަލެއް ގިނަވުމަކީވެސް އަހަންނަށް ނަސީބެކެވެ. ކޮންމެ ދުވަހު މީރު އެއްޗެއް ކާން ލިބޭނެއެވެ.

ބަނޑުފުރެދެން ކާލައިގެން ގޮސް ކޮޓަރިއަށް ވަނީ ނިދާލާށެވެ. އެކަމަކު ނިދޭނެ ހެއްޔެވެ. ފޯނަށް ގުޅަންފަށައިފިއެވެ. ކާކުތޯ ވެސް ނުބަލާ ފޯނު ނެގީ ދޮންތަކަން ޔަގީންކުރަމުންނެވެ.

“ކީއްތަވީ ދޮންތާ؟” ލޯވެސް ހުޅުވާލުމެއްނެތި އަހަރެން ބުނެލީ ވަރުބަލި ވެފައި ހުރިލެއް ބޮޑުކަމުންނެވެ. ދޮންތަ ޖަވާބެއް ނުދިނުމުން ފޯނުގެ ސްކްރީނަށް ބަލާލީމެވެ. ބޭރު ކޮންމެވެސް ޤައުމެއްގެ ދިގު ނަންބަރެކެވެ. އަހަރެން އަނެއްކާވެސް ފޯނު ކަންފަތުގައި ޖަހާލީ އެއްޗެކޭ ބުނެތޯއެވެ.

“ޒަޔާންތަ؟” އެފަރާތުން އިވިގެން ދިޔަ އަޑުން އަހަރެންގެ ލޭގެ ހިނގުން ހުއްޓުނު ފަދެއެވެ. ހަތް އަހަރުފަހުން އަހަރެންގެ ކަންފަތުގައި އެއަޑު ޖެހުމުންވެސް އަހަންނަކަށް އެއަޑެއް ނޯޅުނެވެ. ހިނދުކޮޅަކަށް ތެރޭގައި އެސޫރަ އަހަރެންގެ ކުރިމަތިން ފެނިގެން ދިޔަހެން ހީވިއެވެ. އެއީ ރެއާއި ދުވާލު އަހަރެން އެމީހަކަށްޓަކައި އިންތިޒާރުކުރި އިންސާނާއެވެ. އަހަރެން ދުނިޔެމަތިން އެންމެ ލޯބިވި ފަރާތެވެ. އަހަރެންގެ ލޯބިވާ މަންމައެވެ.

އަހަންނަށް ހަމަ ހޭވެރިކަން ލިބުނީ އަނެއްކާވެސް ފޯނުގެ އަނެއްފަރާތުން ޒަޔާންއޭ ކިޔާ ގޮވާލުމުންނެވެ. ނިކަން އަވަހަށް ކަންފަތުން ފޯނު ދުރުކޮށްލަމުން ފޯނު މިއުޓަށް ލީމެވެ. ކޮޓަރި ތަޅުލުމަށްފަހު މޭޒުމަތީގައި ހުރި ލެޕަށް ޔޫއެސްބީ ވާގަޑަކުން ފޯނު ގުޅާލީމެވެ. އޭރުވެސް ފޯނުކޯލު ނުކެނޑިއޮތެވެ. އަހަރެންގެ ހަރާކާތްތައް އަވަސް ކުރީ މިފަދަ ދެވަނަ ފުރުސަތެއް އަވަސް މުސްތަގުބަލެއްގައި ލިބޭނެހެން ހީނުވާތީއެވެ. ކީބޯޑުގެ ފިއްތަކަށް އޮބާލަމުން ކޯލް ލޮކޭޝަން އެކްސެސް ކުރަން ހަމަ ޖެއްސިތަނާ އެކޮޅުން ފޯނު ކަނޑާލާއިފިއެވެ. ހީވާގޮތުން އަހަރެން ކުރަން އުޅުނު ކަންތައް ރޭކާލީއެވެ. ނޫނީ ޖަވާބު ނުދޭތީ ކަނޑާލީއެވެ.

އަހަރެން މާޔޫސްވިއެވެ. ލިބުނު ހަނި ފުރުސަތުވެސް ގެއްލި ދިޔައީއެވެ. ދޮންތަ ކައިރީގައި ބުނަންވީ ބާއެވެ. އޭރުން އަނެއްކާ ރޯންފަށާނެއެވެ. ފުރަތަމަ ވީތަނެއް ހޯދަންވީއެވެ. ލެޕްޓޮޕް ފިއްތަކަށް އެތަށް އިރަކު އޮބައިގެންވެސް ކާމިޔާބުވާގޮތެއް ނުވިއެވެ. މިކަމުގައި އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭން ހުންނާނީ އެންމެ ފަރާތެކެވެ.

ފެންވަރައިގެން ނުކުމެ އަލަމާރީގެ އެންމެ ކަނުގައި ހުރި ކުޑަ ފޮށިގަނޑު ނެގީމެވެ. ފޮށީގައި އަހަރެން އަމިއްލައަށް ފަރުމާކުރި ތަޅުވެސް އިނެވެ. މީހަކު ބޭނުންނަމަ ބޭރުން ފަޅާލައިގެންވެސް އެފޮށި ހުޅުވޭނެއެވެ. އެހެންނަމަވެސް އެއަށްވުރެ ބޮޑަށް އޭގެ ފެންވަރު ރަނގަޅު ކުރާނެ ވަގުތެއް އަހަންނަކަށް ނުވެއެވެ. އޭގެ މާބޮޑު ބޭނުމެއްވެސް އަހަންނަކަށް ނުފެނެއެވެ. ގޭގައި އުޅެނީ އަހަންނާއި ދޮންތަ އެކަންޏެވެ. ދޮންތައަކީ ތަންތަން ހާވާ މީހެއްނޫނެވެ.

ފޮށިގަނޑު ތެރެއިން އަހަރެން ބޭނުންވާ ސާމާނު ނެގީމެވެ. ކަޅު ކުލައިގެ ސޫޓް ގަޔަށް ހެޔޮވަރު ކޮށްލަމުން އަހަރެންގެ ހުރިހާ ހަތިޔާރެއް ސޫޓްގެ އެތަށް މިތަނަށް ލާ ފޮރުވީމެވެ. ކަޅުކުލައިގެ ކްރޮސް ބޭގަށް ޓެބްލެޓާއި އެނޫންވެސް ސާމާނުތައް އަޅާ ފުރާލީމެވެ. ފޮށި ކުރިން ހުރި ތަނަށް ލުމަށްފަހު ސޫޓް މަތިން ކަޅުކުލައިގެ ބޯޖެކެޓަކާއި ތޮތްޕަކާއި އައިނެއް އެޅާނިމުނުއިރު އަހަންނަކީ ކާކުން ވަކިކުރަން އެނގެނީ އާދަޔާ ޙިލާފު މީހުންނަށް އެކަންޏެވެ.

ކަޅުކުލައިގެ އޭންކަލް ޒާތުގެ ބޫޑް ދަބަހަށްލީ ފަހުން އަރާށެވެ. ތޮތްޕާއި އައިނާވެސް ދަބަހަށް ލައިގެން ނުކުތީ ހިތްފުރެދެން ސެންޓު ޖަހައިގެންނެވެ. ގެއިން ނުކުމެގެން ދިޔައިރު އަހަރެން ވައްތަރުވާނީ މެންދުރު ދަބަސް އަޅުވައިގެން ޓިއުޝަނަށް ދާ ކުއްޖަކާއެވެ. އެއީ އަހަރެންގެ މަޤްސަދުވެސް މެއެވެ. މިއަދު ދެން ގެއަށް އާދެވޭނީ އިރުއޮއްސޭ ފަހުންނެވެ. ދޮންތައަށް މެސެޖަކުން އަންގާލަމުން ފޯނު ނިއްވާލީމެވެ.

އަހަރެން ދާން ބޭނުންވި މަންޒިލާއި ހަމައަށް ދިޔައީ ދުވެފައެވެ. ހުޅުމާލެ ނޯރތް ޕޯރޓްގެ ބީ5 ބަނދަރުގައި އަޅާފައިއޮތް ހުދުކުލައިގެ ކުޑަ ލޯންޗުތެރެއަށް އަހަރެން ފުއްމާލީ ޖެހިލުމެއް ނެތިއެވެ. ލޯންޗުގެ ކައްޕި ބަހެއްވެސް ނުބުނެ ދުއްވާލުމުން އަހަރެން މަޑުމަޑުން ލޯމަރާލީމެވެ. ޖެހެމުން ދިޔަ ފިނި ރޯޅިތަކުން އަހަރެންގެ ލޯބަރުވަމުން ދިޔައެވެ.

………………….

އަހަރެންނަކީ ޒަޔާން ޙާލިދުއެވެ. މަންމައާއި ބައްޕައަށް ލިބުނު ދެކުދިންގެ ތެރެއިން އެންމެ ހަގުކުއްޖާއެވެ. ދެން ހުންނާނީ ދޮންތައެވެ. ލަޔާއެވެ. ލަޔާނާ ޙާލިދުއެވެ. އަހަރެންގެ އާއިލާއަކީ މުދާވެރި ތަނަވަސް އާއިލާއެކެވެ. ކާފަގެ މުދަލުން ވާރުތަވި ބޮޑުގެއާއި ރިސޯޓާއި އަދި ބައްޕަ އަމިއްލައަށް ބިނާކުރި އެތައް އިމާރާތެކެވެ. އެތައް ވިޔަފާރިއެކެވެ. އަހަރެމެން ތުއްތުއިރު މުޅި އާއިލާ އެއްކޮށް އުޅުނީ މާލޭގައި ހުރި ބައްޕަގެ ވައިޓް ބްރީޒް ޕެންޓް ހައުސްގައެވެ. އުފާވެރިކަމާއި ހިތްހަމަޖެހުމުގައި ބިނާކުރަމުން ދިޔަ ލޮބުވެތި ދިރިއުޅުމުގައި ސިއްކަ ޖެހުނީ މަންމަ އާއި ބައްޕަގެ ގުޅުމަށް އައި ނިމުމުގެ ސަބަބުންނެވެ. ބައްޕަ މަންމަ ވަރިކުރީ ކީއްވެކަމެއް ނޭނގެއެވެ. ބައްޕާއާއި މަންމަ އަރައިރުންވެ ދެބަސްވާތަނެއް އަހަރެން ދުވަހަކުވެސް ނުދެކެމެވެ.

މީގެ ހަތްއަހަރު ކުރިން ގެއިން ނުކުމެގެން ދިޔަ މަންމަ މިއަދާއި ހަމައަށްވެސް ވީތަނެއް ނޭނގެއެވެ. އުޅެނީ ކޮންތާކު ކޮން ހާލަކު ކަމެއްވެސް ނޭނގެއެވެ. ދެއަހަރެއް ކުރިން ދޮންތައަށް ފޯނުން ގުޅިކަމަށް ދޮންތަ ބުންޏެވެ. އެކަމަކު ދޮންތައަށް ގޮވާލުމަށް ފަހު ފޯނު ކަނޑާލީއެވެ. މިއަދު ވެސް ހެދި ގޮތަށެވެ.

ބައްޕަ މަންމަ ހޯދާކަށްވެސް ނޫޅެއެވެ. މަންމަ ދިޔަތާ މަހެއްހާ ދުވަސްފަހުން އިނދެގެން ގެއަށް ގެނައީ “ޔަންގް މިސްޓްރެސް” އެކެވެ. އެ އަންހެން މީހާގެ ނަންވެސް އަހަރެން ހަނދާނެއް ނެތެވެ. ފޫހިވާ ޒާތަކަށް ހުންނަ މީހެކެވެ. ދޮންތަ ސުކޫލު ނިމެންދެން އަހަރެން ދިރިއުޅުނީ ވައިޓް ބްރީޒްގައެވެ. މަންމަ ދިޔަ ފަހުން ބައްޕަ އަހަރެމެންނާއި އޮންނަ ގުޅުން ޒާތަކަށް ކަޑާލިއެވެ. ވާހަކަ ދައްކަނީވެސް މަޖުބޫރުވެގެންނެވެ. ގެއަށް އަންނާނީ ހަފްތާއަކު ދެފަހަރުއެވެ. ދޮންމަންމަގެ ކުޅިވަރުތައް ފެށުނީ އަދި ދުވަސް ގަޑެއް ފަހުންނެވެ. އަހަރެން ކުޑަވުމުން މާބޮޑު ޖެއްސުމެއް ނުކުރިނަމަވެސް ދޮންތައަށް އެކިޒާތުގެ ތުރާތައް ކުރިމަތިކުރުވިކަން އަހަންނަށް އެނގެއެވެ.

ޖައްސާފައި ހުންނަ މޭކަޕާއި ލައިގެން ހުންނަ ހެދުމުން އެއީ ދެބައިއުމުރުގެ އަންހެނެއްހެން ވެސް ހީނުވެއެވެ. ކުޑައިރު ސުކޫލު ދޮށަށް އަހަރެން ބަލާ އޭނާ އަންނާނެއެވެ. އުސް ކައްޓަކަށް އަރައިގެން ބުޑި ހަލުވަމުން އަންނަ ކޮންމެ ފަހަރަކު އަހަރެން ލަދާއި އެއްވަރަށް ރުޅިވެސް ގަދަވެއެވެ. ބައެއް މުދައްރިސުންނާއި ކުދިންވެސް ހީކުރަނީ އެއީ އޭރު ގްރޭޑް ދިހައެއްގައި އުޅޭ އަހަރެންގެ ދޮންތަ ކަމަށެވެ. ދުނިޔޭގެ ލެއްވި ހުރިހާ މުއްސަނދިކަމެއް ލިބުނުނަމަވެސް އުފާވެރިކަން އަހަންނާއި ދޮންތަ ހަޔާތުން މަންމައާއި އެކު ވަކިވެގެން ދިޔައެވެ.

ދޮންތަ އުމުރުން ނަވާރަ އަހަރު ފުރުމާއެކު ވަޒީފާއަކަށް ވަދެއްޖެއެވެ. ފިހާރައެއްގެ ސޭލްސް ގާރލްއަކަށެވެ. މޮޅަށް ކިޔެވި ވިސްނުންތޫނު ކުއްޖާ އޭލެވެލްގެ މެދުތެރެއިން ހުއްޓާލީއެވެ. އޭރު އަހަރެން އުޅުނީ ގްރޭޑް ދިހައެއް ގައެވެ. ދޮންތަ ބޭނުންވީ އަހަރެން ގޮވައިގެން ވައިޓް ބްރީޒްއިން ނުކުންނާށެވެ. ބައްޕަ ހުއްދަ ދެއްވިޔަސް ނުދެއްވިޔަސް ވަރިހަމަ ކަމަށެވެ. އެހެންނަމަވެސް ބައްޕަ ގާތު ހަމައަހާލުމާއެކު އެކަމަށް އެއްބަސް ވެއްޖެއެވެ. ދޮންތަ ކުޑައިރު ދޮންތަ ނަންމައްޗަށް ބަދަލުކުރި ހޮޓަލުގައި އުޅެވޭނެކަމަށް ބުންޏެވެ. އަހަރެން ހައިރާންވެ އަންތަރީސްވީ އަހަރެމެން ދެމައިން އެކަނި ދިއުމަށް ބައްޕަ އެހާ ފަސޭހައިން އެއްބަސް ވުމުންނެވެ.

އަހަރެމެން ގެ ބަދަލުވި ދުވަހު ދޮން މަންމަ ވިހަ ހިނިތުންވުމެއް ވެރިކުރުވައިގެން ހުންނެވިއެވެ. ގެއަށް އައީންސުރެ ނުވެގެން އުޅުނު ކަންތައް ވީއެވެ. އެރޭ އޭނާ ޕާރޓީ ކުރާނެކަން ކަށަވަރެވެ. އަހަރެމެން ގޭގައި އުޅުނުއިރުވެސް ބައްޕާ ނޫޅުއްވާ ވަގުތުތަކުގައި ދަންވަންދެން އެކުވެރިން ގެނެސް ކަރޯކޭ އަކާއި އޭތި މީތި ޖައްސައެވެ. ބައްޕަ އަހަރެމެން ދެބެއިން އެފަދަ ހާލެއްގައި ޖެއްސީ ކީއްވެކަމެއް ވިސްނާވިސްނާވެސް ނޭނގެއެވެ. އެ ބައްޕައަކީ ދަރިންދެކެ ލޯބިވީ ބައްޕައެކެވެ. އެފަދަ ބޮޑު ބަދަލެއް އަންނަންވީ އެއްވެސް ސަބަބެއް އަހަންނަކަށް ނުފެނެއެވެ.

………………….

އަހަރެންގެ މާޒީގެ ކުލަނެތް ސަފްހާތަކުން ނިކުމެވުނީ ލޯންޗުގެ ދުވެލި މަޑުވުމުންނެވެ. ސާމާނުތައް ހިފައިގެން ނުހަނު ކައިރީގައި އޮތް ފާލަން މައްޗަށް ރަނގަޅަށް ނުފޭބެނީސް ލޯންޗު ދުއްވާލައިފިއެވެ. އަހަރެން މޫދަށް ނުވެއްޓުނީވެސް ކިރިޔާއެވެ. ހާދަ ހެއްވާ ކައްޕިއެކެވެ.

ކަނޑުގެ ލޮނުގަނޑު ކަފަމުން ދިޔަ ހުދުކުލައިގެ ލޯންޗު ހިނދުކޮޅެއްގެ ތެރޭގައި އުދަރެހުގެ ތެރެއަށް ގެއްލިގެން ދިޔައެވެ. ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލީމެވެ. ދުވާލުގެ ވަގުތުގައި މިތަން އަދި މާބޮޑަށްވެސް ރީއްޗެވެ. ނޫކުލައިގެ ސާލެއްފަދަ އުޑުގައި އެންމެ ވިލާރޮއްޖެއްވެސް ނެތެވެ. ބޯކިރުކޮޅެއްފަދަ ދޮންވެލިގަނޑު މައްޗަށް ކުދިކުދި ރާޅުތައް ބީއްސަމުން ދިޔައީ މިއުޒިކީ ރާގެއް ފަދައިންނެވެ. ހޭޅިފަށުގައި ހުރި ފެހިކުލައިގެ ގަސްތަށް ރާގާއި އެއްވަރަށް ނަށަމުން ދާހެން ހީވެއެވެ. އަހަންނަށް ހީވީ މުޅިން އެހެން ދުނިޔެއަކަށް އާދެވުނު ހެންނެވެ. ސައުވީސް ގަޑިއިރު ސިކުނޑީގައި ރަސްކަން ކުރާ ހިތާމަތަކާއި ތުރާތައް އަހަންނާއި ވަކިވެދާ ވަގުތަކީ މިއީއެވެ.

އަހަރެން ރަށު ތެރެއަށް އަރައިގެން ދިޔައީ ސީދާ ބޯޖަންގަލި ތެރެއިންނެވެ. އެއީ އަހަރެން ހިތުދަސްވެފައިވާ އަދި އަހަރެން އެންމެ ފަރިތަ ރާސްތާއެވެ. ހަނިމަގުތަކުން ލާފައި ގޮސް ދަގަނޑުން ހަދާފައި ހުރި ތިރި ގެއާއި ހިސާބަށް އާދެވުނީ ދިހަ މިނެޓް ހިނގައިގެންނެވެ. ދުވެފައި ގޮސްފިނަމަ ތިން މިނެޓުން ދެވޭނެއެވެ. އެހެންނަމަވެސް މިގަޑީ ދުވެފިނަމަ ދާހިތްލާނެއެވެ. އެ ހިސާބުން ސެންޓުކޮޅުގެ ބޭނުން ދިޔައީއެވެ.

ދަގަނޑުން ހަދާފައިވާ އެވަރުގަދަ ދޮރުގެ ކަނާތްފަރާތުގައި ހަރުކޮށްފައި ހުރި ކުޑަ އިސްކްރީނުގައި އަހަރެންގެ އަތްތިލަ ޖައްސާލުމާއެކު އަޑެއް ކިޔާފައި ދޮރުހުޅުވިއްޖެއެވެ. އަހަރެން އެދޮރުން އެތެރެއަށް ދެމިގަތީ ދޮރު އެކީގައި ނުހުޅުވެންދެނެވެ. އަހަރެން ހަމަ ވަނުމާއެކު ދޮރުވެސް ލެއްޕިއްޖެއެވެ. އެއީ ގުދަނެއް ފަދަ ތަނެކެވެ. އެސިފަ ޖައްސާފައި ހުރިތަނެކެވެ. އެތަނުގެ މެދުގައި އޮތް ބޯފިލާގަނޑު ހިއްލާލުމާއެކު އަނދިރިކަމުން ފުރިގެންވާ ބިންގަރާސް ފެނިއްޖެއެވެ. ތިރިއަށް ދެވެންއޮތް ސިޑިން ފައިބަމުން ފިލާގަނޑު އޮތްގޮތަށް ބޭއްވީމެވެ. އެތެރޭގައި ހުރި ދެވަނަ ދަގަނޑުދޮރުވެސް ހުޅުވޭނީ އަތްތިލަ ޖެއްސުމުންނެވެ. ދޮރުހުޅުވުމާއެކު ދިއްލާފާ އޮތް ބޮޑު ކޮޓަރި ފެނުނެވެ. ބިއްލޫރިން ހަދާފައިވާ ކުދި ކުދި ކެބިން ތަކުގެ ތެރޭގައި އެކި މީހުން އަހަރެންފަދަ ޔުނީފޯރމްގައި ހަރަކާތްތެރިވަމުން ދިޔައެވެ. އެތަނަކީ އަހަރެންގެ އެޖެންސީއެވެ. އަހަރެން މަސައްކަތްކުރާ ސިއްރު ބިންގަރާހެވެ.

އަހަރެން ނިތްކުރިމަތިން ދާތިކިތައް ފުހެލަމުން ހިނގައިގަތްތަނާ މީހަކު ފަހަތުން ކޮނޑުގައި ޖަހާލިއެވެ. ފަހަތުގައި ހުރީ އަނޫފް ނުވަތަ އެޖެންސީގެ ނަމުންނަމަ އެލްފޯ އެވެ. މީގެ ފަސް މަހެއްހާ ދުވަސް ކުރިން އަހަރެން އެޖެންސީ އަށް ތަޢާރަފް ކޮށްދިން މީހާއެވެ. އަނޫފް އަހަންނަށްވުރެ ދެއަހަރެއްހާ ބޮޑުވާނެއެވެ.

“ޒެން.. މިގަޑީގަ މިތަނަށް ތިވައްޓާލީ ކީއްކުރަން.” އަނޫފް ފާޑެއްގެ ގޮތެއް މޫނަށް ހަދާލަމުން ބުނެލިއެވެ.

“ކީއްތަވީ. ހަމަ އަންނަން ޖެހިދާނެ ދޯ.. ކޮބާތަ ޓެކް ލިއޯ” އަހަރެން މިތަނަށް އައި ބޭނުން ހާސިލްކުރެވޭނީ ލިއޯގެ ގާތަށް ގޮސްގެންނެވެ. އަނޫފް އިޝާރަތްކުރިތަނަށް އަނޫފްގެ ފަހަތުން ދިޔައީ މީގެ ކުރިން އަހަރެންގެ އަމިއްލަ ކަމެއްގައި އެޖެންސީގެ އެހީ ހޯދާފައިނުވުމާއެކު ޖެހިލުންވެހުރެއެވެ. އަހަރެންގެ އާކަމުން އެޖެންސީގެ ބޮޑެތި މީހުންނާއި މާބޮޑު ގުޅުމެއް އަދި ނޯވެއެވެ. އަހަރެންގެ ޓްރެއިނިންގ ނުނިމޭތީއާއި ސުކޫލުގައި އުޅޭތީ އެޖެންސީގެ އެއްވެސް މިޝަންއެއްގައި އަހަރެން ބައިވެރިއެއް ނުކުރެއެވެ. ރަސްމީ އޭޖެންޓަކަށް ވެވެނީވެސް އަދި އަށާރަ އަހަރު ފުރުނީމައެވެ. ބާކީ ދެހަފްތާއެވެ.

ޓެކް ލިއޯގެ ބޮޑުކެބިން ތެރެއަށް ވަދެވުމާއެކު އަހަރެންގެ އިސްކޮޅަށްވުރެ ތަންކޮޅަށް ކުރުކޮށް ހުރި ހުދާއި ކަޅުކުލައިގެ ރޮބޮޓެއް އައިސް ކައިރީގައި ހުއްޓުނެވެ.

“ވެލްކަމް ޓު ޓެކް ލިއޯސް ފީލްޑް” އޭތިގެ ދެލޯ ނޫކުލައިން ދިއްލާލަމުން ބުނެލުމާއެކު އަހަރެން ސިއްސައިގެން ދިޔައެވެ. މިއަކީ އަދި އާދައިގެ ތަނެއްނޫނެވެ.

މުޅި އެ ކެބިން ވަށައިގެން ބޮޑެތި ހަރުތަކެއް ހުއްޓެވެ. ކޮންމެ ހަރެއްގައި ކޮންމެވެސް ޒާތެއްގެ އިލެކްޓްރޯނިކް ޑިވައިސް ބެހެއްޓިފައި ހުއްޓެވެ. މިތާގައި އުޅޭ އިންސާނާއަކީ ވެސް އާދައިގެ މީހަކަށް ނުވާނެކަން އަހަންނަށް ޝައްކެއް ނެތްމިންވަރަށް ޔަޤީންވިއެވެ.

މާގިނައިރުތަކެއް ނުވެ ހުދުކުލައިގެ ކޯޓެއް ލައިގެން ހުރި އިސްކޮޅުންދިގު މީހެއް އެތެރޭގައި ހުރި އެހެން ކޮޓަރިއަކުން ނުކުމެގެން އަތުވެއްޖެއެވެ. އޭނާގެ އަތުގައި ރަތް ކުލައިން ދިއްލިފައި އޮތް ބޯޅައެއް އޮތެވެ. އަނެއްއަތުގައި އޮތީ މިޔަތޫނު ހަންޖަރެކެވެ. އަހަރެންނަށް ލޯމަރާލަމުން ފަހަތަށް ޖެހެވުނީ ބޯޅަ މައްޗަށް އެއްލިގޮތަށް އެ ތޫނު ހަންޖަރު ބޯޅައާއި ދިމާލަށް ހޫރާލުމުންނެވެ. އެއްވެސް އަޑެއް ނުކިޔުމުން ލޯހުޅުވާލިއިރު ބޯޅަ ވައިގެ ތެރޭގައި ވަޅިއާއެކު ހަރުލާފާ އޮތެވެ. އަނެއްކާ މިއީ އޭލިއަން މީހެއްބާއެވެ. މިތަނުން އަވަހަށް ނުކުންނަންވީއެވެ.

“ނިއުބީ..؟..” ވަތް ދޮރާއި ދިމާލަށް ދާން ހިނގައިގަތުމާއެކު އެމީހާ ބުނެލި އަޑު އިވިއްޖެއެވެ.

ލުއި ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކުރުވަމުން އެނބުރިފަހަތް ބަލާލީމެވެ. އެއިރު އޭނާގެ މޫނުމަތީގައި އޮތް މާސްކު ނަގަނީއެވެ. އަހަރެން ހީކުރިވަރަށްވުރެ ޒުވާން މީހެކެވެ. ލަފާކުރެވޭގޮތުން ވާނީ ތިރީސް ފަސް ވަރަކަށް އަހަރެވެ. ކަޅުކަން ގަދަ ބުމައާއި ލޮލުގެ ދަށުގައި ފަވާލެވިފައިވާ ބޯ އަދުނުގެ  ސަބަބުން އޭނާ ވައްތަރީ ޕައިރެޓްސް އޮފް ދަ ކެރީބިއަންގައި އުޅޭ ކެޕްޓަން ޖެކް އާއެވެ. ބިރުވެރި އަދި މަޖާ ވައްތަރެއް ޖަހާ މީހެކެވެ.

“ލެބަށް ތިއައީ ކަމަކުތަ؟” އިރުގަނޑަކު އަހަންނަށް ބަލަން ހުރުމަށްފަހު ލިއޯ ސުވާލުކުރިއެވެ. ލިއޯ މިކިޔަނީ އޭނާގެ އަސްލުނަން ނޭނގޭތީއެވެ. ކޮންމެ މީހަކަށްވެސް ނަންބަރަކުން ނަމެއް ދީފައި އޮންނައިރު މިބޭފުޅާއަކަށް އެފަދަ ނަމެއް އޮންނަކަމެއް އަހަންނަށް އެނގިފައެއް ނެތެވެ. ތަންކޮޅެއް މަތީ ދަރަޖައިގެ މީހެއް ވީމަ ކަންނޭނގެއެވެ.

“މީ އަސްލު ކޯލް އެއްގެ ލޮކޭޝަން ޓްރެކް ކުރެވޭނެތޯ ބަލާލަން. މިއަދު މެންދުރު ގުޅި ނަންބަރެއް. ބޭރު ޤައުމަކުން ގުޅާފަ އިނީ. އެކަމަކު ސޮފްޓްވެއާރ ބޭނުންކޮށްގެން ލޮކޭޝަން ޓްރެކް ނުކުރެވެނީސް އެކޮޅުން ކަނޑާލައިފި. ފަހުން ގުޅިއިރު ޙިދުމަތްކެނޑިފަ އޮތްކަމަށް ބުނަނީ.” މިއީ އަހަރެން އެޖެންސީގެ މީހަކާއި އެހާ ދިގު ވާހަކަދެއްކި ފުރަތަމަ ފަހަރެވެ. ކުޑަކޮށް ލަދުވެސް ގަތެވެ.

“ފޯނު.” އަހަންނާއި ދިމާލަށް އަތް ދިއްކުރަމުން ލިއޯ ބުނެލިއެވެ. އަހަރެން ޖެހިލުންވެ ހުރެ ފޯނު ދިނީ މިމީހެއްގެ ހަޤީޤަތް މާރަނގަޅަށް ނޭނގޭތީއެވެ. އެހެންނަމަވެސް މިނޫން ގޮތެއްވެސް ނެތެވެ. އެޖެންސީގައި ތިބޭނީ ހުސް ރަނގަޅު މީހުން ކަމަށް ސިކުނޑި ބުނަމުންދިޔައެވެ.

ކެބިންގެ އެއްފަރާތުގައި ހުރި ކޮމްޕިޔުޓަރުތަކުގެ ކައިރީގައި އިށީންދެ އަހަރެންގެ ފޯނު އެތަނުން ވާގަނޑަކަށް ގުޅާލިއެވެ. އަހަރެން ގުޅާފައި އިން ނަންބަރު ދެއްކުމާއިއެކު ކީބޮޑުގެ ފިއްތަކަށް އޮބަން ފެށީ އެއް މިއެއް ބަލާފައެއް ނޫނެވެ. އަހަރެންވެސް ހެކް ކުރުމާއި އެފަދަ ކަންކަން ކުރާ މީހުން ދަންނަމެވެ. ނަމަވެސް މިފަދަ އަވަސްކަމެއް ދެއްވަފައިހުރި މީހަކު މިފެނުނީ އަދި އަލަށެވެ. އޭނާގެ މަސައްކަތް ނިމެންދެން ކައިރީގައި ހުރި ގޮނޑި އިށީންނަން ގާތް ކޮށްލުމާއެކު މިއޮތީއޭ ކިޔާ އަހަންނަށް ބަލާލައިފިއެވެ. އަހަރެން ހަމަ ހަޤީޤަތުގައިވެސް ހައިރާންވެ އަންތަރީސްވިއެވެ. ކޮމްޕިޔުޓަރުގެ މަތީގައި އިން ބޮޑު އިސްކުރީނުން ފެންނަމުން ދިޔައީ ދުނިޔޭގެ ޗާޓެވެ. ޗާޓުގެ މެދުގައި ރަތް ކުލައިން ފާހަގަ ކުރެވިފައި އިންތަނެއް އިނެވެ. އަހަރެންގެ މަންމަ އިން ތަނަކީ އެއީ ހެއްޔެވެ؟

“ރަޝިޔާގެ ކަޒާން ގަ.”

ޓީވީ ސްކްރީން ޒޫމް ކޮށްލަމުން ލިއޯ ބުނެލިއެވެ. އިޙްތިޔާރެއް ނެތި އަހަރެންގެ ދެލޯ ކަރުނައިން ފުރުނެވެ. ކުރިމަތިން މަންމަ ފެންނަމުން ދިޔަހެން ވެސް ހީވިއެވެ. ދެލޯ ފުހެލަމުން ނަފްސު ހަމަޔަކަށް އަޅުވާލީ ލިއޯގެ ނަޒަރު އަހަންނާއި ސީދާވިކަން އެނގުމުންނެވެ.

“ކާކުތަ މިއީ؟” އެއްބުމަ ހިއްލާލަމުން ލިއޯ ސުވާލުކޮށްލީ ސީދާ އަހަންނަށް ބަލަން އިނދެއެވެ.

“އަހަރެންގެ މަންމަ.” އަހަރެން ދޮގު ހަދާކަށް ނެތީމެވެ. އެތަށް އަހަރެއްގެ ދިގު އިންތިޒާރިއަކަށް ފަހު މަންމަ ފެނުމުގެ ހުޅުކޮޅު އަލިކޮށްދިން މި މަދަދުގާރީއަށް އަހަރެން އަބަދުވެސް ޝުކުރުވެރިވާނަމެވެ.

“ޝުކުރިއްޔާ ޓެކް ލިއޯ.” ސަލާމަށް އަތް ދިއްކޮލަމުން އަހަރެން ބުނެލީ ފުރިހަމަ ހިނިތުންވުމަކާއި އެކުގައެވެ. އަހަރެން ސަލާމަށް ދިއްކޮށްލި އަތުގައި ހިފާލަމުން ލިއޯ ބޯޖަހާލިއެވެ. ކެބިންތެރެއިން ނުކުނަން ދިޔަ ވަގުތު އެއްކަލަ ރޮބޮޓު ފަހަތުން ކޮންމެވެސް އެއްޗެހިތަކެއް ކިޔަމުން އައެވެ. އެކަމަށް ސަމާލުކަން ދެވޭވަރަށް ވުރެ އަހަރެންގެ ސިކުނޑީގެ ބާރު ބޮޑުވެފައިވެއެވެ.

އަހަރެންގެ މަންމަ މިއޮތްހާ ދުވަހު އުޅުނީ ރަޝިއާގަ ހެއްޔެވެ؟ އަހަރެންގެ މަންމަ އެހިސާބަށް ދިޔައީ ކިހިނެއް ހެއްޔެވެ؟ އެތަނުގައި އުޅެނީ އެކަނިމާ އެކަނި ހެއްޔެވެ؟ އަހަރެންގެ ފޯނު ނަންބަރު އިނގުނީ ކިހިނެއް ހެއްޔެވެ؟ މަންމައާއި ބައްޕަގެ މެދުގައި އަދިވެސް ގުޅުމެއް އޮތީ ހެއްޔެވެ؟ ސިކުނޑީގައި އުފެދެމުން ދިޔަ ހައިޖާނުގެ ސަބަބުން އަހަރެންގެ ހިއްސުތަކަށްވެސް އަސަރުކުރަން ފެށިއެވެ. ލޮލުގެ ފެނުން ފުސްވެ ހުރިތަނަށް ތިރިވިއެވެ. ބިންމަތީގައި ނުޖެހެނީސް މީހަކު އަހަރެންގެ ކޮނޑުގައި ހިފެހެއްޓިކަން އެނގުނެވެ. ދެން ވީގޮތެއް ނޭނގުނެވެ.

………………….

ދެމީހަކު ވާހަކަދައްކާ އަޑަށް އަހަރެން ލޯ ހުޅުވާލީމެވެ. އޮވެވުނީ އެޖެންސީގެ މެޑިކަލް ރޫމްގައިކަން ޔަގީންވިއެވެ. މިތަނަށް އަންނަން ޖެހުނު ސަބަބު ސިކުނޑިއަށް އައުމާއެކު އަނެއްކާވެސް ބޮލުގައި ރިއްސާލިއެވެ. އަހަންނަށް މިފަދަ ގޮތްތަށް ކުރިމަތިވާ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މަންމަގެ ހަނދާންތައް ސިކުނޑިއަށް ސަވާރުވާ ކޮންމެ ފަހަރަކު އަހަރެންގެ ނަފްސު އަމިއްލަ ކޮންޓްރޯލުން ދޫވެއެވެ. މަންމަ ދުނިޔޭގައި ހުރިކަން ޔަޤީންވުމުން ހިތަށް ބޮޑު ތަސައްލީ އެއް ލިބުނު ނަމަވެސް މަންމަ ނުފެނިދާނެ ކަމުގެ ބިރުވެރިކަން ހިތްވަށާލެވިގެންވެއެވެ.

“ބްރޯ އާރ ޔޫ އޯކޭ؟ ކިހިނެއްވީތަ އެގަޑީގަ؟” އަހަރެންގެ ގާތަށް އައިސް ހުއްޓުނީ އަނޫފްއެވެ. އަނޫފްގެ ފަހަތުގައި ހުރީ މޫނު ނިވާކޮށްގެން ހުރި މީހެކެވެ. އިސްކޮޅާއި ހަށިގަނޑުގެ ބައްޓަމަށް ބަލާއިރު ބޮޑަށް ވައްތަރީ އަންހެން ކުއްޖަކާއެވެ. އެޖެންސީގައި އަންހެނުން ވެސް އުޅޭ ހެއްޔެވެ.

“ހުމްމ” އަހަރެން ދިނީ ފިނި ޖަވާބެކެވެ. މިގަޑީގައި ވާހަކަ ދައްކާ ހިތް ނެތީއެވެ.

“އިރު އޮއްސެނީ މިހާރު. އިލްޔާސް ސާރ އަށް ވެސް އިނގޭ ޒެން މިތާގަ އޮތްކަން.” އެބުނަނީ އަހަރެމެންގެ ބޮޑު މީހާގެ ވާހަކައެވެ. ޓްރެއިނިންގ ނެތް ވަގުތެއްގައި ދުވާލު ގަޑީ މިތަނަށް އައިސް އުޅުމުން ސުވާލުތައް ކުރިމަތިވާނެކަން އެނގެއެވެ.

އެހެން ނަމަވެސް އެކަން ކަމާއި ކުރިމަތިލާވަރަށް ވުރެ އަހަރެންގެ ހާލަތު ގޯހެވެ. ގެއަށް ގޮސް ހިތްފުރެދެން ނިދާލާނީއެވެ. މާދަމާ ރޭ އައިސް ހުރިހާ ވާހަކައެއް ކިޔައިދިނީމާ އިލްޔާސް ސާރ ‘އަންޑަސްޓޭންޑް’ ވާނެ ކަންނޭނގެއެވެ.

އަނޫފްގެ އެހީއާއި އެކީ ތެދުވަމުން ލޮލުގެ އިޝާރާތުން އަންހެން ކުއްޖާ ދައްކާލުމުން އަނޫފް ދެފަރާތަށް ބޯހުރުވާލިއެވެ. އޭރު އެކުއްޖާ ކެބިންތެރެއިން ނުކުމެގެން ދަނީއެވެ.

“ފަހުން ދޯ.” “ޕިސް، މިގަޑީގަ ކިޔާ. ގާލް ފްރެންޑްވެސް ވެއްދޭތަ މިތަނަށް؟” އަހަރެން ލާނެތް ހިނިތުންވުމެއް ވެރިކުރުވަމުން ސުވާލުކުރީމެވެ.

“ސާބަސް. އެއީ މިތާ މެންބަރެކޭ. ވަރަށް ފަހުން މިބަޔަށް ޖޮއިން ކުރި ކުއްޖެއް. ކައެއާ ސޭމް އޭޖެއް ކަންނޭ ވާނީ. ބްރޯ ހޭނެތުނީމަ މެޑިކް އަށް ގެންދިޔައީ އެ މަންޖެ.” ހިނިގަނޑެއް ޖަހާލަމުން އަނޫފް ބުނެލިއެވެ. މިއީ އަދި ހުރިހާ ކަމެއް މަޖާވާ ފިރިހެނެކެވެ.

“އެހެންތަ؟ ވަރަށް ޝުކުރު.” އަހަންނާއި އެކީ އަނޫފްވެސް ދާން ނުކުތެވެ. ހުޅުމާލެ ބަނދަރުގެ ފަޅުތެރެއަށް ވަދެވުނުއިރު މިސްކިތްތަކުން މަޢްރިބް ނަމާދުގެ ބަންގީގެ އަޑު ގުގުމަމުން ދިޔައެވެ. ވަރުބަލިވެފައި ހުރިނަމަވެސް ނަމާދުކޮށްލައިގެން ގެޔަށްދާން ބޭނުންވިއެވެ. އަނޫފްއާއި އެކީ މިސްކިތަށް އަރާ ނަމާދުކޮށްލައިގެން ގެޔަށް ދެވުނުއިރު ހަތެއް ޖަހައިފިއެވެ. އަނޫފްގެ އެދުމުގެ މަތިން ކޮފީއެއް ބޯންޖެހުނީއެވެ. ގެއަށް ގޮސް ކޮޓަރިތެރެ ތަރުތީބުކޮށްލުމަށް ފަހު ފެންވަރާލީމެވެ. އިޝާ ނަމާދުކޮށްގެން ތަންމައްޗަށް ނިދަންއެރީ އަށެއްވެސް ނުޖަހަންދެނެވެ. ހިޔާލުގެ ފުންކަނޑެއްގައި އޮވެ އަހަންނަށް ނިދުނީ އަދި އޭގެ އެތަށް އިރެއް ފަހުންނެވެ.

………………….

ބުރާސްފަތި ދުވަހު އަހަރެން ސުކޫލަށް ދިޔައީ ގަޑި ނުޖެހިއެވެ. މިޒީ އެއްޗެކޭ ނުކީނަމަވެސް ހުރީ ހިތްހަމަޖެހިފައިކަން އަހަންނަށް އެނގެއެވެ. ސުކޫލު ނިމިގެން ލޫތުއާއި އެކު ގެއަށް ދިޔައީ މިއަދު އަވަހަށް އެޖެންސީއަށް ދާނަމޭ ހިތާއެވެ. މަންމަގެ ކަންތައް އިތުރަށް ހޯދޭނީވެސް އެޖެންސީގެ އެހީ ލިބިގެންނެވެ.

ބަހުން ފައިބައިގެން ހިނގަފައި ގޮސް ގެ ހުންނަ ހަނި މަގަށް އެޅިތަނާ ފަހަތުން މީހަކު އައިސް އަހަރެންގެ ބޮލުގެ ފަހަތުގައި އެއްޗަކުން ޖަހައިފިއެވެ. މޫނުމަތީގައި ފޮތިގަނޑެއް އަޅާލުމަށްފަހު ބަނޑަށްވެސް ހަމަލާދިނެވެ. ލިބުނު އަނިޔާ އަހަންނަށް ރޭކާލީ ވާން އޮތް އެއްޗެއް ވެ ނިމުނު ފަހުންނެވެ. އަހަރެންގެ ނަފްސު ދިފާޢު ކުރަން ދެވިފައިވާ ޓްރެއިނިންގ ބޭނުން ހިފައި ހަމަލާދިން މީހާގެ މުލައްދަނޑީގައި ހިފައި އަނބުރާލީމެވެ. އެހެންނަމަވެސް އަހަރެންގެ ހިނދުކޮޅެއްގެ ތެރޭގައި ދެލޯ ފުސްވާންފެށިއެވެ. މޫނުމަތީގައި އެއެޅި ފޮތިގަނޑެއްގެ ސަބަބުން ކަންނޭނގެއެވެ. އެމީހާއާއެކު އިތުރު ދެމީހަކު އައިސް އަހަރެން ދަމާފައި ގޮސް އެރުވީ ކާރަކަށެވެ. އަހަރެންނަށް ހިރިނުލެވުނު ނަމަވެސް ވާނުވާ އެނގެއެވެ. ދޭތެރައަކުން ޙާލިދުއޭ ކިޔާއަޑު އިވެއެވެ. އަހަރެންގެ ހޭވެރިކަން ދިޔައީ ކާރުގައި އަހަރެން ގޮވައިގެން ގޮސް ލޯންޗަކަށްވެސް އެރުވިފަހުންނެވެ.

ލޯހުޅުވާލެވުނު އިރު އަތްފައި އޮތީ ބަނދެފައެވެ. ބޮލުގައި އިންތިހާއަށް ރިއްސަމުން ދިޔައިރު ލައިގެން ހުރި ޔުނީފޯރްމުގައި ލޭ އުނގުޅިފައި ހުއްޓެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ބިރުވެރިކަން ވަށައިލީ އެ ގުދަނެއް ކަހަލަ ތަނަށް ވަދެގެން އައި ފިރިހެންމީހާ ފެނިފައެވެ. އޭނާގެ އިސްތަށިގަނޑު ވައްތަރީ އޮޅާލެވިފައިވާ އިސްޕިރޭނު ތަކަކާއެވެ. މޫނުމަތިން ތެޔޮވެފައި ހުރިއިރު ހަތަރެސްފަޔާއި ކަރުގައި ފަލަ ޗޭނު ތަކެއް އޮޅާއިފައި ހުއްޓެވެ. ކަންފަތުން މުދިން ފެށިގެން މައްޗާއި ހަމައަށް ތޮރުފާފައި ހުރިއިރު ކަޅު ކުލައިގެ ދެ ތުންފަތުގެ ދޭތެރޭގައި ރޯކޮށްފައި އޮތް ސިގިރޭޓު ބުރިއެއް އޮތެވެ. އިންސާނަކަށް ވުރެ ބޮޑަށް މީނާ ވައްތަރީ އިފްރީތަކާއެވެ.

(ނުނިމޭ)

10
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

5 މަސް ކުރިން

0
0
Home
Menu
Search
Back to top