ރިޕޯޓް
ބަސްމަލާ ނެރަށް: މިލިއަނުން ގެއްލުން، ދަނބިދޫ ޒުވާނުންނަށް ސެލިއުޓް ހައްގު!

ލ. އަތޮޅުގެ އެތައް ރަށަކަށް ދަތުރުކުރާ ބަސްމަލާ ބޯޓު ލ.ބެންމާފުށި ނެރުން ވަންނަން އުޅުމުގެ ތެރޭގައި ރޭ ވަނީ ނެރަށް އަރައިފައެވެ. ފަތިހުގެ ވަގުތުގައި ބަސްމަލާ ނެރުމައްޗަށް އުރުމާއެކު، އެ ދޯނީގެ ބަރަށް އަރިއަޅާލައި، މުދާތަކަށް ބޮޑެތި ގެއްލުންތަކެއްވިއެވެ. ބަސްމަލާ ނެރުމައްޗަށް އުރުމާއެކު ލ. ދަނބިދޫ ދޯނި ފަހަރުތަކުން ބަސްމަލާއާ ގާތްކޮށް، ސަލާމަތްކުރެވުނު އެއްޗެއް، ސަލާމަތް ކުރަން ފެށިއެވެ. އެ މަސައްކަތުގައި ދަނބިދޫގެ އާންމު އެތައް ބަޔަކު ފަތިހު ހައެއް ޖެހިއިރުން ފެށިގެން ދަނީ ސިފައިންނާއެކު މަސައްކަތް ކުރަމުންނެވެ. ހާއްސަކޮށް ޒުވާނުން ދަނީ ބްރޭކެއް ނެތި، ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

Ads by Lozano

އާންމުކޮށް ފަސް ވަރަކަށް މިލިއަން ރުފިޔާގެ މުދާ ހުރޭ

ބަސްމަލާ މިފަހަރުވެސް މާލެއިން އައީ ގާތްގަނޑަކަށް ލ. އަތޮޅުގެ ހަތް ރަށެއްގެ ފިހާރަތަކުގެ މުދާ ހިފައިގެންނެވެ. އިސްދޫ، ކަލައިދޫގެ އިތުރުން ދަނބިދޫއާއި މާބައިދޫ، މުންޑޫ އަދި ގަން ފޮނަދޫގެ އެތައް ފިހާރައެއްގެ މުދާވެސް ބޯޓަށް ބަރުކޮށްފައި އޮތް އިރު، އާންމުކޮށް ކޮންމެ ދަތުރެއްގައިވެސް ފަސް ވަރަކަށް މިލިއަން ރުފިޔާގެ މުދާ ހުންނާނެ ކަމަށް ދޯނީގެ ކެޕްޓަން އިސްމާއީލް ރަޝީދު “ލާމް ޓޭލްސް” އަށް ބުންޏެވެ.

“އާންމުކޮށް މިކުރާ ދަތުރުތަކުގައި ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާގެ މުދާ ބަރުކޮށްގެން މި އަންނަނީ. މިފަހަރުވެސް މި ނެރަށް އެރިއިރުވެސް ހުންނާނެ އެހާ މުދާ. އެ މުދާތަކުގެ ތެރޭގައި ސޮލާ ޕެނަލް ކަހަލަ އަގުބޮޑެތި އެތައް އެއްޗެއްވެސް ހިމެނޭ. މިފަހަރު މި ސަލާމަތް ކުރެވުނީ ވަތުއޮޑި ނޫން އެހެން ތަންތަނުގައި ޖަހާފައި ހުރި މުދާ. ވަތުއޮޑި އެއްކޮށް ހަލާކުވެގެން ދިޔައީ. އެއީ ތިން މިލިއަން ނޫނީ ހަތަރު މިލިއަނާ ގާތްކުރާ އަގުގެ މުދާ،” އިސްމާއީލް ރަޝީދު ވިދާޅުވިއެވެ.

މީގެ ކުރިން 2017 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައިވެސް ބަސްމަލާ ބޯޓު ބެންމާފުށީ ނެރަށް އަރާފައިވެއެވެ. އެފަހަރުވެސް އެތައް ގެއްލުމެއް ވެފައިވާ އިރު، ކައްޕި ބުނީ، ހެނދުނުން ފެށިގެން ދަނބިދޫ ޒުވާނުން ކޮށްދެމުންދާ މަސައްކަތަށް ސެލިއުޓް ހައްގު ކަމަށެވެ.

ދަނބިދޫ ޒުވާނުން ފަތިހުން ފެށިގެން މަސައްކަތުގައި

ބަސްމަލާ ނެރުމައްޗަށް އެރުމުން ފެށިގެން، މިއަދު ހަތަރު ދަމު ދަނބިދޫ ޒުވާނުން، އާންމު އެތައް ރައްޔިތުންނެއް ދަނީ ދޯނީގައި ހުރި އެތައް ވިޔަފާރިވެރިންނެއްގެ މުދާތައް ސަލާމަތް ކުރުމުގައި ބުރަކޮށް މަސައްކަތް ކުރަމުންނެވެ. ސަލާމަތްކުރެވުނު އެއްޗެއް، ދަނބިދޫ ބަނދަރު މައްޗަށް ޖަހަމުންދަނީ އަމިއްލަ މުދާ ކަމަށް ބަލައިގެންނެވެ. އެ ޒުވާނުންގެ އެހީތެރިކަމަށް ބުނާނެ އެއްޗެއް، އަދާކުރާނެ ޝުކުރެއް ކައްޕިއަށް ބުނަންވެސް ނޭނގެއެވެ.

ދަނބިދޫ ޒުވާނުން ބަސްމަލާގެ މުދާ ސަލާމަތް ކުރުމުގައި — ފޮޓޯ/ ލާމު ޓޭލްސް

“ދަނބިދޫ ޒުވާނުން އެކުރަމުންދާ މަސައްކަތް ހިތުގެ ފުން މިނުން ބަލައިގަންނަން. އެއީ ނަމޫނާ މަސައްކަތެއް. އެކަމަށް ބުނާނެ އެއްޗެއް ނުވެސް އެނގޭ. ޝުކުރު އަދާކުރާނެ ގޮތެއްވެސް ނޭނގެ. ބަނޑުހައިވެ، ހޫނުވެސް ވާނެކަން އެނގޭ. އެހެންވެ އަހަރެން ބުނަމުން މިދަނީ އަހަރެންގެ ފިހާރައަށް ގެނައި މުދަލުން ކައި ހެދިޔަސް މައްސަލައެއް ނެތް ކަމަށް،” އިސްމާއީލް ރަޝީދު ބުންޏެވެ.

އިސްމާއީލް ރަޝީދު ބުނީ އޭނާގެ ފިހާރައަށްވެސް ދެ ލައްކައެއްހާ ރުފިޔާގެ މުދާ ގެނައި ކަމަށާއި، ދޯންޏަށް ލިބުނު ގެއްލުމާއެކު މާޔޫސްވެފައި ހުރި ކަމަށެވެ. ހާއްސަކޮށް ލ. އަތޮޅުގެ އެތައް ވިޔަފާރިއަކަށް މިއަދު ލިބުނު ގެއްލުން އަންދާޒާކޮށްލަންވެސް ދައްޗެވެ. ބަސްމަލާ ފުންކުރަން ފެށޭވަރު ވާނީ މިއަދު އިރުއޮއްސޭ ހާއިރުއެވެ. އެއީ މުދާތައް ހުސްކުރެވޭނެ ކަމަށް ލަފާކުރެވޭ ގަޑިއެވެ.

8
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top