ޚަބަރު
“ވީޗެޓް ޕޭއާއެކު ޗައިނާ ފަތުރުވެރިންގެ އެންމެ މަތީ މަންޒިލަކަށް ރާއްޖެ ވެގެންދާނެ”
ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް -- ފޮޓޯ: މިހާރު

ޗައިނާގެ ފަތުރުވެރިންނަށް ވީޗެޓް ޕޭ ތައާރަފްކުރުމަކީ، އެމީހުންގެ އެންމެ މަތީ މަންޒިލެއްގެ ގޮތުގައި ރާއްޖެ ގާއިމުކުރުމަށް އެޅުނު އިތުރު ފިޔަވަޅެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

Ads by Lozano

“އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ފައިސަލް ވިދާޅުވީ، ވީޗެޓް ޕޭއާއެކު މިހާރު ޗައިނާގެ ދަތުރުވެރިންނަށް އެމީހުންނަށް ރާއްޖޭގައި ހުރުމުގެ ކަންކަން ފަސޭހަވެ، އުނދަގުލަކާ ނުލައި އުޅެވޭ ގޮތް ވެފައިވާ ކަމަށެވެ. އަދި އެމީހުންގެ ރާއްޖޭގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ފައިސަލް އިތުރަށް ވިދާޅުވީ، އަމާޒަކީ ކަސްޓަމަރުންނާއި ވިޔަފާރިތަކަށް ފައިސާގެ މުއާމަލާތްކުރުމުގައި ފެންވަރު ރަނގަޅު ހިދުމަތެއް ދިނުން ކަމަށާއި ގެނެވުނު ބަދަލާއެކު ކަސްޓަމަރުން އިހްތިޔާރު ކުރާ ގޮތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ ގޮތް ހަމަޖެހިފައިވާނެ ކަމަށެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ޗައިނާއިންނެވެ. ޓޫރިޒަމް މިނިސްޓްރީން އާއްމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 12ގެ ނިޔަލަށް ޗައިނާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 91،073 އަށް އަރައިފައެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ވެއިޝިންގ ޕޭ، ނުވަތަ ބައިނަލްއަގުވާމީ މާކެޓްގެ އާންމު ނަމުންނަމަ ވީޗެޓް ޕޭ، އެ ބޭންކުގެ ޕޮއިންޓް-އޮފް-ސޭލް (ޕީއޯއެސް) ޓަރމިނަލް ނެޓްވޯކްގައި ބޭނުންކުރެވޭ ގޮތް ހަމަޖެއްސީ އިއްޔެއެވެ. ވިޔަފާރިތަކަށް ޗައިނާގެ މަގްބޫލު އެ އެޕުން ކިއުއާރު ޕޭމަންޓްތަކަށް ފައިސާ ބަލައިގަނެވޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. މީގެ ކުރިން ވީޗެޓް ޕޭ ލިބެނީ ހަމައެކަނި ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށެވެ.

މި ހިދުމަތް ފަށާފައި މިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޑިއުޓީފްރީގައި ހިމެނޭ ވިޔަފާރިތަކުން ކަމަށާއި ބޭންކުގެ ޕީއޯއެސް ނެޓްވޯކްގައި ވީޗެޓް ޕޭ ބަލައިގަނޭވޭ ގޮތަށް ހަމަޖެހިގެން ދިޔުމާއެކު، ވެއިޝިން އަދި ވީޗެޓް ޕްލެޓްފޯމް ބޭނުންކުރާ އެއް ބިލިއަން އެކްޓިވް ކަސްޓަމަރުންނަށް ދިވެހި ރާއްޖޭގެ ކޮންމެ ސަރަހައްދެގައި ގާއިމުވެފައިވާ ވިޔަފާރިއަކަށް ވެސް ފައިސާދެއްކޭނެ ގޮތް ފަހިވެފައިވާ ކަަމަށް ބޭންކުގެ ޑައިރެކްޓަރ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވިއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top