ކުޅިވަރު
އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ ޓީޓީ އެތުލީޓަކަށް ދީމާ

ނޭޕާލުގެ ކަތަމަންޑޫގައި ކުރިއަށްދާ ޕެރިސް އޮލިމްޕިކްސް 2024ގެ ދެކުނު އޭޝިއާ ގައުމުތަކުގެ ޓޭބަލް ޓެނިސް ކޮލިފިކޭޝަންގެ ފައިނަލް މެޗުގައި ސްރީ ލަންކާގެ ބިމާންޑީ ބަންޑާރާ ބަލިކޮށް، ރާއްޖޭގެ ފާތިމަތު ދީމާ އަލީ އޮލިމްޕިކްސްއަށް ކޮލިފައިވެއްޖެއެވެ.

Ads by Lozano

ދީމާ ފައިނަލުގައި ބިމާންޑީ ބަލިކުރީ 4-1 ސެޓުންނެވެ. އެ ނަތީޖާއާއެކު ދީމާއަށް ވަނީ ޕެރިސް އޮލިމްޕިކްސްއިން ފުރުސަތު ލިބިފައެވެ.

މެޗުގެ ފުރަތަމަ ސެޓު ރަނގަޅަށް ފަށައި، ލީޑުގައި ކުޅެމުން ގޮސް، ދީމާ ސެޓު ގެންދިޔައީ 11-8 ގެ ނަތީޖާއަކުންނެވެ. އެހެން ނަމަވެސް، ދެވަނަ ސެޓު ލަންކާގެ ބިމާންޑީއާ ވަނީ 11-8 އިން ގެންގޮސްފައެވެ. އެހިސާބުން މެޗު އިތުރަށް ފޯރިގަދަވެގެން ގޮސްފައިވެއެވެ. ހާއްސަކޮށް ތިންވަނަ ސެޓު ފެނުނީ ވަރަށް ގާތްގާތުން ޕޮއިންޓްތައް ދިޔަތަނެވެ.

ތިންވަނަ ސެޓު ފޯރިގަދަކޮށް ހަމަހަމަ ކޮށް ދިޔަ އިރު، ދީމާ ފުރަތަމަ ކޮޅުގައި 4-2 އިން ލީޑުވެސް ނެގިއެވެ. އޭގެ ފަހުން ބިމާންޑީއާއި ދީމާވެސް ދިޔައީ އެއްވަރުވަމުންނެވެ. 7-7. 8-8 އަދި 9-9 އިންވެސް ދެވަނަ ސެޓު އެއްވަރު ވަމުން ގޮސްފައިވާ އިރު، ސެޓު ވަނީ 10-10 އިންވެސް އެއްވަރު ވެފައެވެ. އޭގެފަހުންވެސް ޕޮއިންޓަކަށްފަހު ޕޮއިންޓަކުން އެއްވަރުވަމުން ގޮސް، ތިންވަނަ ސެޓު ދީމާ ގެންދިޔައީ 11-13 އިންނެވެ.

ހަތަރުވަނަ ސެޓު ދީމާ ރަނގަޅަށް ފަށައިގެން ތިން ޕޮއިންޓްގެ ލީޑެއް ނެގިއެވެ. އެހިސާބުން ބިމާންޑީއާ މަޑުމަޑުން މެޗަށް ވަން ނަމަވެސް، ދީމާ ދިޔައީ ސެޓު ނިމެންދެންވެސް ލީޑު ހިފަހައްޓަމުންނެވެ. އެ ސެޓު ރަނގަޅު ފޯމެއްގައި ދީމާ ވަނީ 11-7 އިން ކާމިޔާބު ކޮށްފައެވެ.

ފަސްވަނަ ސެޓުވެސް ދީމާ ރަނގަޅަށް ލީޑުކުރަމުން ގޮސް، ދީމާ ވަނީ ފަހު ސެޓު، 11-5 އިން ކާމިޔާބު ކޮށްފައެވެ. އެ މެޗުން މޮޅުވެ، އޮލިމްޕިކްސް 2024 އިން ދީމާ ފުރުސަތު ހޯދީ އިތުބާރާއެކުގައެވެ. މިއީ ރާއްޖޭގެ ޓީޓީ ތާރީހުގައިވެސް މުހިއްމު ކާމިޔަބީއެކެވެ. ހާއްސަކޮށް ޒުވާން ކުޅުންތެރިޔަކު މި ރީޖަންގައި ތަކުރާރުކޮށް ހޯދަމުންދާ ކާމިޔާބީއަކީ ރާއްޖެއަށް ބޮޑު ފަހުރެކެވެ.

މިއީ ރާއްޖޭގެ ކުޅިވަރު ތާރީހުގައިވެސް ކޮލިފިކޭޝަނަކުން ނަތީޖާ ނެރެ، ކޮލިފިކޭޝަނެއް ކާމިޔާބުކޮށްގެން އެތުލީޓަކު އޮލިމްޕިކްސްއަށް ޓީޓީ އެތުލީޓަކު ކޮލިފައިވި ފުރަތަމަ ފަހަރެވެ. އެހެންކަމުން މިއަދަކީ ޓީޓީގެ ތާރީހުގައިވެސް ރަން އަކުރުން ލިޔެވިގެން ދިޔަ ދުވަހެކެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top