ޚަބަރު
ޓްރީ ޓޮޕްގެ އައިވީއެފް ފަރުވާއިން ދެ ކުދިން، ރާއްޖޭގެ ސިއްހީ ތާރީހުގެ އާ ބާބެއް!

ޓްރީ ޓޮޕް ހޮސްޕިޓަލުން އައިވީއެފް ފަރުވާ ހޯދި ދެ މީހަކު ވިހައިފިއެވެ.

Ads by Lozano

މިއީ ރާއްޖޭގައި އައިވީއެފް ހަދައިގެން ލިބުނު ފުރަތަމަ ދެ ކުދިންނެވެ. އެހެންކަމުން އެއީ ސިއްހީ ދާއިރާގައި ރާއްޖެއަށް ހޯދުނު މުހިއްމު ކާމިޔާބީއެކެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގައި މިދިޔަ އަހަރުގެ މެއި މަހު ހުޅުވި ފާޓިލިޓީ ސެންޓަރުގެ ފުރަތަމަ ބެޗުގައި 16 މީހުން އައިވީއެފް ހެދިއެވެ. އޭގެ ތެރެއިން އެމްބްރިޔޮ ޓްރާންސްފާ ހެދި 10 މީހުންގެ ތެރެއިން ހަ މީހުން ބަނޑުބޮޑުވިކަން ކުރިން އިއުލާންކުރިއެވެ.

ޓްރީ ޓޮޕްގެ އައިވީއެފް ފަރުވާގެ ދަށުން ފުރަތަމަ ކުއްޖާ އުފަންވީ މިދިޔަ އާދީއްތަ ދުވަހުއެވެ. ދެވަނަ ކުއްޖާ އުފަންވީ އިއްޔެއެވެ. ދެ ކުދިންވެސް ނެގީ ސިޒޭރިއަން ހަދައިގެން ކަމަށް އެ ހޮސްޕިޓަލުން މިއަދު ބޭއްވި ޕްރެސްގައި ބުނެފައިވެއެވެ. އެ ދެ ކުދިންނާއި މަންމަގެ ހާލުވެސް ރަނގަޅު ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހޮސްޕިޓަލުގެ ސީއޯއޯ އާދިލް މޫސާ ވިދާޅުވީ އައިވީއެފް ފަރުވާ ހޯދައިގެން ފުރަތަމަ އުފަންވި ކުއްޖާގެ މަންމައަކީ 36 އަހަރުގެ މީހެއް ކަމަށާއި އޭނާއަކީ ރާއްޖެ އިން ބޭރުން މީގެ ކުރީން ހަތަރު ފަހަރަށް އައިވީއެފް ހަދާފައިވާ މީހެއް ކަމަށެވެ. ދެވަނައަށް އުފަންވި ކުއްޖާގެ މަންމައަކީ 33 އަހަރުގެ މީހެއް ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އައިވީއެފްގެ ހިދުމަތް އެ ހޮސްޕިޓަލުން ދޭން ފެށިތާ ކުރީކޮޅު ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށާއި ބައެއްް ދެމަފިރިން ރާއްޖެ އިން އެ ފަރުވާ ހޯދަން ފަސްޖެހުނު ކަމަށެވެ. އަދި އައިވީއެފްގެ ކާމިޔާބީ ބެލުމަށްފަހުގައި މެނުވީ ރާއްޖެ އިން އެ ފަރުވާ ނަގަން ބޭނުން ނުވާ ދެމަފިރިންވެސް ތިބި ކަމަށް ވިދާޅުވިއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top