ރިޕޯޓް
ފަލަސްޠީނަށްޓަކައި އަހަރެމެންގެ ވާޖިބަކީ ކޮބާ؟

ފަލަސްޠީނުގެ ބިމަކީ މުސްލިމުންގެ ހިތްތަކާ ގުޅިފައިވާ ބިމެކެވެ. މާތްﷲ ވަނީ އެބިމުގައި ބަރަކާތް ލައްވާފައެވެ. އެ ބިމުގައި އެތަކެއް ނަބީބޭކަލުންނެއް ވަނީ ފަސްދާނުލެވިފައެވެ. އެ ބިމުގައިވާ މަސްޖިދުލް އަޤްޞާއަކީ މުސްލިމުންގެ ފުރަތަމަ ޤިބްލައެވެ. ފަލަސްޠީނުގެ ބިން ފޭރިގަންނަމުންދާއިރު އަދި މުސްލިމުންނަށް އަނިޔާވެރިވަމުންދާއިރު ކޮންމެ މުސްލިމަކު ވެސް ހިތާމަކުރަން ޖެހޭނެއެވެ. އެ މަންޒަރުތައް ފެނި ހިތް ފަޅަފަޅައިގެން ނުދާނަމަ އޭނާގެ އީމާންކަމާމެދު ސުވާލުއުފެދެވެއެވެ. ހިތަށް ގޮތެއް ނުވާނަމަ އެއީ ޙަޤީޤީ މުއުމިނެއް ނޫނެވެ. މާތްﷲ މުއުމިނުން ސިފަކުރައްވާފައިވަނީ އެއްބަނޑު އެއްބަފާ އަޚުންތަކެއްގެ ގޮތުގައެވެ. ހަމައެހެންމެ ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިސްލާމީ އުންމަތް ސިފަކުރައްވާފައިވަނީ އެއް ޖިސްމެއްގެ ގޮތުގައެވެ. އެކަލޭގެފާނު ޖައްސަވާފައިވާ މިސާލުގެ ފުރިހަމަކަމާއެވެ! އެންމެ ގުނަވަކަށް ވެސް ހާނިކަވެއްޖެނަމަ މުޅި ޖިސްމަށް އޭގެ ތަދު އިޙްސާސްވެ އެކަމުން ފަސޭހަވެ އެއިން ސަލާމަތްވުމަށް މުޅި ހަށިގަނޑު މަސައްކަތްކުރާނެއެވެ.

Ads by Lozano

ދެން އޮތީ އެންމެ މުހިންމު ސުވާލެވެ. އަހަރެމެންގެ ވާޖިބަކީ ކޮބާ ހެއްޔެވެ؟ މި ނިކަމެތި އަޅުގަނޑަށް ކުރެވޭނީ ކޮން ކަމެއްހެއްޔެވެ؟

އަހަރެމެން އެމީހުނަށްޓަކައި ދުޢާކުރަން ޖެހެއެވެ. އަދި އެބައިމީހުންގެ ޢަދުއްވުންގެ މައްޗަށް ދުޢާކުރަން ޖެހެއެވެ. ދުޢާކުރުމަކީ ކުޑަކަމެއް ނޫނެވެ. ބަދުރުގެ މައިދާނުގައި ވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބޭނުންކުރެއްވި އެންމެ ވަރުގަދަ ހަތިޔާރަކީ ދުޢާއެވެ. ދަމުނަމާދުގައިޔާއި ސަޖިދައިގައި އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުންނަށް ހެޔޮ ދުޢާކޮށްދޭންވީއެވެ. އުންމަތަށް ނަޞްރުދެއްވާތޯއެވެ.

ނަމަވެސް އުންމަތަށް ނަޞްރު ލިބޭނީ އެންމެހައި ފާފަތައް ދޫކޮށްލާ ނަފްސު އިސްލާޙްކޮށްގެނެވެ. އުންމަތަށް ނިކަމެތިކަން ކުރިމަތިވަނީ އަޅުތަކުން ކުރާ ފާފައިގެ ސަބަބުންނެވެ. އަހަރެމެންގެ މައްޗަށް ޢަދުއްވުން ގަދަވެގެންނަނީ ވެސް އަހަރެމެން ކުރާ ފާފައިގެ ސަބަބުންނެވެ. އަހަރެމެންގެ އަޚުންނާއި އުޚްތުންނަށްޓަކައި ކޮށްދޭ ދުޢާ އިޖާބަވުމަށް އެދޭނަމަ ޙަލާލުގޮތުގައި މުދާ ހޯދާ ޙަލާލު ތަކެތި މެނުވީ ބޭނުންކުރުން ހުއްޓާލަންޖެހެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚަބަރުދެއްވާ ގޮތުގައި ޙަރާމް ފައިސާ ކައިގެން ބޮއެގެން އުޅޭ މީހުން ކުރާ ދުޢާ މާތްﷲ އިޖާބަ ނުކުރައްވާނެއެވެ. އަހަރެމެންގެ ތެރެއިން ރިބަވީ ބޭންކް އެކައުންޓްގައި ފައިސާ ބަހައްޓަނީ ކިތައް މީހުންތޯއެވެ؟ ރިބަވީ ލޯނު ނަގަނީ ކިތައް މީހުންތޯއެވެ؟

ހަމައެކަނި ނަފްސު އިސްލާޙުކޮށް ދުޢާކުރަންވީތޯއެވެ؟ ނޫނެކެވެ! ކޮންމެ މީހަކު ވެސް ކުޅަދާނަވީ މިންވަރަކުން ފަލަސްޠީނުގެ ރައްޔިތުންނަށް ޢަމަލީގޮތުން އެހީތެރިވާންޖެހެއެވެ. މިގޮތަށް މަސައްކަތްނުކޮށް ހަމައެކަނި ދުޢާކުރުމުން ފުއްދާލާނަމަ އެމީހަކު ފާފަވެރިވާނެއެވެ. މި ވަގުތު އަހަރެމެންނަށް ޢަމަލީގޮތުން ހަތިޔާރާއެކު އެ ބިމުގައި ޖިހާދުކުރުމުގެ މަގު ތަނަވަސް ވެފައެއް ނެތެވެ. މި ޙާލަތުގައި ވީ ވަރަކުން ބަހާއި މުދަލުން އެމީހުންނަށް އެހީތެރިވާން ޖެހެއެވެ.

ކުރަމުން މިދަނީ މަޢުލޫމާތުގެ ހަނގުރާމައެކެވެ. ސޯޝަލް މީޑީއާގައި ގޮވާލާ ގޮވާލުމަކީ އާދައިގެ ކަމެއް ނޫނެވެ. އެއީ ވަރަށް ބޮޑު ކަމެކެވެ. ހުޅަނގުގެ ޒައިނިސްޓް މީޑިއާތަކުން ދަނީ ކެނޑިނޭޅި ދޮގު ޚަބަރުތައް ފަތުރަމުންނެވެ. ޔަހޫދީންގެ ޖަރީމާތައް ފޮރުވާ މުސްލިމުންގެ ލެޔަކީ އެއްވެސް އަގެއްނެއް އެއްޗެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތްކުރަމުންވެ. ކުށެއް ނެތް އަނިޔާލިބެމުންދާ މުސްލިމުންނަކީ ޙަޤީޤީ މުޖްރިމުންކަމުގައި ދެއްކުމަށް މަސައްކަތްކުރަމުންނެވެ. އަނގަބަހުންނާއި ސޯޝަލް މީޑިއާގައި އެބައިމީހުންނަށް ނަޞްރު ދޭންޖެހެއެވެ. އެކަންކަމުގެ ޙަޤީޤަތް ހޯދާ މީސްތަކުންނަށް ވީވަރަކުން އެކަން ބަޔާކޮށްދޭންޖެހެއެވެ.

އަހަރެމެން ޣައްޒާގެ އަހުލުވެރިންނާ އެކުގައިވާކަން ހާމަކުރަންޖެހެއެވެ. މިފަދައިން ހާމަކުރުން ދޫކޮށްލައިފިނަމަ ފަލަސްޠީނުގެ އަހުލުވެރިންނަށް ތާޢިދުކޮށް އެމީހުންނަށް ނަޞްރުވެރިވުމަށް ގޮވާލާ މީހުންނަކީ މަދުބައެއްކަމުގައި ދަށްކަން ފަށައިފާނެއެވެ. ފަލަސްޠީނަށް ތާޢީދުކުރުމަކީ ވެސް އޭގެޒާތުގައި ހައްދުފަހަނައެޅުންކަމުގައި ބަލަން ފަށައިފާނެއެވެ. މުސްލިމު އުންމަތަށް ފަލަސްޠީނުގެ މައްސަލަކީ މާބޮޑުކަމެއް ނޫން ކަމުގައި ވެދާނެއެވެ. އެއީ މުސްލިމުންނާ ގުޅުމެއް ނުވާ ފަލަސްޠީނުގައި ކުރިއަށްދާ “ދާޚިލީ ހަމަނުޖެހުމަކަށް” ވެދާނެއެވެ.

އަޅުގަނޑުމެންނަކީ މުސްލިމުންނަށް ވީހިނދު މުސްލިމުންނަށް ލޯބިކޮށް އެބައިމީހުންނަށް ނަޞްރުވެރިވާންޖެހެއެވެ. އަދި ކާފިރުންނާއި އެބައިމީހުންގެ ބާޠިލު ދީނަށް ނަފްރަތުކުރަން ޖެހެއެވެ. ކާފިރުންގެ ތެރެއިން ބަޔަކު މުސްލިމުންނާއި ހަނގުރާމަކުރާނަމަ އަޅުގަނޑުމެން އެބައިމީހުންނާއި ޢަދާވާތްތެރިވާންޖެހެއެވެ. އަޅުގަނޑުމެންގެ ދަރިންނަށް ފަލަސްޠީނުގެ މުހިންމުކަން ދަސްކޮށްދޭން ޖެހެއެވެ. މަސްޖިދުލް ޢަޤްޞާއާއި ފަލަސްޠީނަށް އެކުދިންގެ ހިތުގައި ލޯބި އުފައްދަން ޖެހެއެވެ. ޒައިނިސްޓުން އެދެނީ ނަޞްރަށް އެދިއެދި މުސްލިމުންގެ ހިތުގައި ޖަހާ ވިންދު ނެތިކޮށްލުމަށެވެ. އެބައިމީހުން ހީކުރަނީ އަހަރެމެންގެ އަޚުންނާއި އުޚްތުން ދޫކޮށްލާނެކަމަށް ހެއްޔެވެ؟ އަބަދުމު އެމީހުންނަށްޓަކައި މަސައްކަތްކުރާނަމެވެ! އަހަރެމެންނަކީ އެއް ހަށިގަނޑެކެވެ!

ނޯޓް
މިއީ އިލްމު.އެމްވީގައި ޝާއިޢުކޮށްފައިވާ ލިޔުމެއް
2
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top