ރިޕޯޓް
ޙަޖަރުލްއަސްވަދު އާއި ގުޅޭ އަޖައިބުކުރަނިވި 7 ވާހަކަ

މި ބިންމަތީގައިވާ އެންމެ މާތް ހިލައަކީ ގެފުޅުގެ ދޮރުކޮޅުގެ ކަނާތްފަރާތު ތިރީގައިވާ، “ޙަޖަރުލްއަސްވަދު” އޭ ކިޔުނު ހިލައެވެ. ޠަވާފުކުރާމީހާ މި ހިލައާ ހަމައިން ޠަވާފުގެ ބުރުފަށައެވެ. 7 ބުރަށްފަހު ޠަވާފު ނިންމަނީވެސް ޙަޖަރުލްއަސްވަދާއި ހަމައިންނެވެ. ފަސޭހަވެގެންވާނަމަ މި ހިލާގައި ބޮސްދިނުމާއި އަތްބީއްސުމަކީ އައިސްފައިވާކަމެކެވެ.

Ads by Lozano

ގެފުޅުގެ ހިލަކޮޅުތައް ގެފުޅު މަރާމާތު ކުރެވޭ ފަހަރުތަކުގައި ބަދަލުކުރެވެމުންދެއެވެ. އެންމެ ހިލަކޮޅެއް ފިޔަވައެވެ. އެހިލަކޮޅަކީ ޙަޖަރުލްއަސްވަދެވެ.

ޙަޖަރުލްއަސްވަދަކީ ސުވަރުގޭގެ ހިލަތަކުގެ ތެރެއިންވާ ހިލައެކެވެ. މި ހިލައާބެހޭގޮތުން ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. ((نَزَلَ الحَجَرُ الأَسْوَدُ مِنَ الجَنَّةِ، وَهُوَ أَشَدُّ بَيَاضًا مِنَ اللَّبَنِ، فَسَوَّدَتْهُ خَطَايَا بَنِي آدَمَ)) (الترمذي وأحمد، وصححه الألباني في صحيح الترمذي) މާނައީ: “ޙަޖަރުލްއަސްވަދު އައިސްފައިވަނީ ސުވަރުގެއިންނެވެ. ކިރަށްވުރެ އެ ހިލައިގެ ހުދުކަން ގަދަވެގެންވެއެވެ. ފަހެ، އާދަމުގެދަރިންގެ ފާފައިގެ ސަބަބުން އެ ހިލައިގެ ކުލަ ކަޅުވިއެވެ.”

އެހެން ޙަދީޘެއްގައި ޙަޖަރުލްއަސްވަދާބެހޭގޮތުން ޙަދީޘްކުރެއްވިއެވެ. ((وَاللَّهِ لَيَبْعَثَنَّهُ اللَّهُ يَوْمَ الْقِيَامَةِ لَهُ عَيْنَانِ يُبْصِرُ بِهِمَا، وَلِسَانٌ يَنْطِقُ بِهِ، يَشْهَدُ عَلَى مَنْ اسْتَلَمَهُ بِحَقٍّ)) (الترمذي، وابن خزيمة، وابن حبّان) މާނައީ: “ﷲ ގަންދީފައި ޙަދީޘްކުރައްވަމެވެ. ޤިޔާމަތްދުވަހު މާތް ﷲ އެ ހިލަ ގެންނަވާނެއެވެ. އެ ދެލޮލަކަށް ފެންނާނެ ދެ ލޮލަކާއި ވާހަކަދައްކާނެ ދުލެއް އެ ހިލައަށް ލިބިގެންވާނެއެވެ. އެ ހިލައިގައި ޙައްޤުގޮތުގައި ބީހުނުމީހެއްގެ މައްޗަށް އެ ހިލަ ހެކިދޭނެއެވެ.”

ޙަޖަރުލްއަސްވަދުގެ ވާހަކަވެސް ފެށެނީ އިބްރާހީމް عَلَيهِ السَّلام އާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލް عَلَيهِ السَّلام ގެފުޅު ބިނާކުރެއްވި ހާދިސާއާއި ހަމައިންނެވެ.

ގެފުޅު ބިނާކުރައްވަމުން ވަޑައިގެން ޙަޖަރުލްއަސްވަދުއާ ހަމައަށް އައުމުން، އެ ހިސާބުން ޠަވާފު ފަށާނެ ޢަލާމާތެއްގެ ގޮތުގައި ޚާއްޞަ ހިލައެއް ހޯއްދެވުމަށް އިބްރާހީމްގެފާނު ދަރިކަލުންކުރެ އެދިވަޑައިގެންނެވިއެވެ. އެ ދަރިކަލުން ހިލައެއް ހޯއްދެވުމަށް ވަޑައިގެންނެވި ހިނދު ޖިބްރީލް عَلَيهِ السَّلام ޙަޖަރުލްއަސްވަދު ހިލަ ހިއްޕަވައިގެން ވަޑައިގަންނަވައި، އެ ހިލައިގެ މަޤާމުގައި ބޭއްވެވިއެވެ. އަދި އިބްރާހީމްގެފާނު އެ ހިލައާއެކު ގެފުޅު ބިނާކުރެއްވިއެވެ. އެ ހިލަ ބޭއްވުނުއިރު، އެ ހިލައިގެ ހުދުކަމުން ވަނީ ވިދާ ބަބުޅަބަބުޅައެވެ. އަދި ޙަރަމްފުޅުގެ އެކި ދިމާލަށް އެ ހިލައިގެ ވިދުން ފެތުރިފައިވިއެވެ.

ޙަޖަރުލްއަސްވަދާގުޅޭގޮތުން ތާރީޚުގައި ތަފާތު ޙާދިސާތައް ހިނގާފައިވެއެވެ. މިގޮތުން ޙަޖަރުލްއަސްވަދާއެކު ގެފުޅު ބިނާކުރެވިފައި ވަނިކޮށް ގެފުޅު ހަލާކުވުމުން ޢަމާލިޤުން އެ ގެފުޅު ބިނާކުރިއެވެ. އޭގެފަހުގައި، މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމުގެ 100 ވަރަކަށް އަހަރު ކުރިން މައްކާގައި ދާޚިލީ ހަނގުރާމައެއް ހިނގާ، ޖުރުހުމްވަންހައިގެ މީހުން މައްކާއިން ބޭރުކުރެވުނެވެ. އެ ޤަބީލާގެ މީހެއްކަމުގައިވާ ޢަމްރު ބުނުލް ޙާރިޘް އަލްޖުރުހުމީ މައްކާއިން ނުކުތުމުގެ ކުރިން ގެފުޅަށް ހަމަލާދީ، ޒަމްޒަމްވަޅު ކައިރީގައި ޙަޖަރުލްއަސްވަދު ވަޅުލިއެވެ. މި މަންޒަރު ފެނުނު ޚުޒާޢަތުވަންހައިގެ އަންހެނަކު އެ ވަންހައިގެ މީހުންނަށް އެ ޚަބަރުދިނުމުން، އެ ހިލަ ނަގައިގެން އެ ހިލައިގެ މަޤާމަށް ރައްދުކުރިއެވެ.

އަނެއް ޙާދިސާއަކީ ޔަމަނުގައި ވެރިކަންކުރަމުން އައި ތުއްބަޢުގެމީހުން ޙަޖަރުލްއަސްވަދު ނަގައިގެން ޔަމަނަށް ގެންދިޔުމަށް މަސައްކަތްކުރި ޙާދިސާއެވެ. މިބައިމީހުންނާ ދެކޮޅަށް އުއްމުލް މުއުމިނީން ޚަދީޖާ رَضِيَ اللهُ عَنْها ގެ ބައްޕާފުޅު ޚުވައިލިދު، ޤުރައިޝުންގެ ބަޔަކާއެކު ނުކުމެ އެކަމަށް ހުރަސްއަޅައި އެކަން ހުއްޓުވިއެވެ.

އަދި މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ނަބީކަމައިގެން ފޮނުއްވުމުގެ ކުރިން ގެފުޅުގައި އަލިފާނުގެ ޙާދިސާއެއް ހިނގައި، ގެފުޅު ހަލާކުވިއެވެ. މި ޙާދިސާގެ ތެރޭގައި ޙަޖަރުލްއަސްވަދުގެ ކަޅުކަން އިތުރުވިއެވެ.

މުސްލިމުންގެ ބާރުގެދަށަށް ގެފުޅު އައީ فتح مكة ގައެވެ.

🚩ހިޖުރައިން 64 ވަނަ އަހަރުގައި މައްކާގެ އަމަންއަމާންކަމަށް ލޮޅުން އެރިއެވެ. އޭރު މައްކާގެ ވެރިއެއްގެ ގޮތުގައި ހުންނެވީ ޢަބްދުﷲ ބުނުއް ޒުބައިރު رَضِيَ اللهُ عَنْهُمَا އެވެ.

އެކަލޭގެފާނާ ދެކޮޅަށް އުމަވީ ދައުލަތުގެ ޤާއިދު އަލްޙުޞައިން ބުން ނުމައިރު އަލްކިންދީގެ ލަޝްކަރުން ދިން ވަރުގަދަ ހަމަލާތަކުގައި ގެފުޅަށް ގެއްލުންތައް ވިއެވެ. މި ޙާދިސާއާގުޅިގެން ޙަޖަރުލްއަސްވަދު ވަށައިގެން ފަށަލައެއް ޢަބްދުﷲ ބުނުއް ޒުބައިރު رَضِيَ اللهُ عَنْهُمَا ލެއްވިއެވެ.

🚩 އިބުނުޒުބައިރު އާއި  ދެކޮޅަށް ހިޖުރައިން 73 ވަނަ އަހަރު ޙައްޖާޖު ބުން ޔޫސުފްގެ ލަޝްކަރުން ހަމަމިގޮތަށް ހަމަލާދީ އެކަލޭގެފާނުގެ ވެރިކަން ނިމުމަކަށް ގެނައެވެ.

🚩ޤަރާމިޠާއިން ނިސްބަތްވަނީ ބާޠިނީ ފިރުޤާއަށެވެ. މިބައިމީހުންނަކީ އަނިޔާވެރިކަމާއި ކުފުރުވެރިކަމުގައި ހައްދުފަހަނައަޅާފައިވާ ބައެކެވެ. މިބައިމީހުން ގެފުޅަށް ޙަމަލާދިނީ އެބައިމީހުންގެ ރަސްކަލެއްގެ ގޮތުގައި ބަޙްރައިންގައި ހުރި އަބޫ ޠާހިރު ސުލައިމާން ބުން އަބީ ސަޢުދު އަލްޤިރްމިޠީގެ އަމުރަށެވެ. ހިޖުރައިން 317 ވަނަ އަހަރު ޙައްޖުމަހުގެ 8 ވަނަ ދުވަހު، ޙައްޖުވެރިން މިނާއަށް ގޮސްފައި ވަނިކޮށް، މި އަބޫ ޠާހިރު އޭނާގެ 900 މީހުންގެ ލަޝްކަރަކާއެކު ޙައްޖުމަހާއި ގެފުޅުގެ ޙުރުމަތްކަނޑައި، ޒަމްޒަމް ވަޅުކޮޅު ހަލާކުކޮށް، ޙައްޖުވެރިން ޤަތުލުކޮށް، 30 ހާހާ ގާތްކުރާ ޢަދަދަކަށް މީހުން ޤަތުލުކޮށް، ނުބައިވެގެންވާ އެތައް ކަމެއް މައްކާގެ ޙުރުމްތެރިވެގެންވާ ސަރަހައްދުގައި ހިންގިއެވެ. އޭނަގެ ގާތަށް މީހުން ޠަވާފުކުރުމާއި އެނޫންވެސް އަޅުކަންތައް ކުރުމަށް އަންނާނެގޮތް ހެދުމުގެ ބޭނުމުގައި ޙައްޖުމަހުގެ 14 ވީ ހޯމަދުވަހުގެ ޢަޞްރުނަމާދަށްފަހު ޙަޖަރުލްއަސްވަދު ވަގަށް ނަގައިގެން ގެންދިޔައެވެ. މި އަބޫ ޠާހިރަކީ ގެފުޅު ތަޅާލަން އައި ފީލުބާގައިގެ އަބްރަހާ ކަހަލަ މީހެކެވެ. ހިޖުރައިން 332 ވަނަ އަހަރު މި އަބޫ ޠާހިރު ނިމިގެންދިޔައެވެ. 22 އަހަރު ވަންދެން ގެފުޅުން ބޭރުގައި ޙަޖަރުލްއަސްވަދު އޮތެވެ. ހިޖުރައިން 339 ވަނަ އަހަރުގެ ޙައްޖުމަހުގެ 10 ވަނައަށް ވީ އަޟްޙާޢީދު ދުވަހު އެ ހިލަ އަނބުރާ ގެފުޅަށް ގެނެވުނެވެ. ސަންބަރު ބުނުލް ޙަސަނުލް ޤިރުމިޠީ އެ ހިލަ އަނބުރާގެނެސް، އެ ހިލައިގެ މަޤާމުގައި އެ ހިލަ ބޭއްވިއެވެ. އެއާއެކު، މުސްލިމުން އެ ހިލާގައި ބޮސްދީ، އުފާފާޅުކުރިއެވެ.

 

🚩ޙިޖުރައިން 363 ވަނަ އަހަރު ރޯމަނުންގެ ނަޞާރާއަކު، މެންދުރު ވަގުތު، މީހުން މަދު ވަގުތު ބަލާފައި، ޙަޖަރުލްއަސްވަދު ނެގުމަށް މަސައްކަތްކުރިއެވެ. އެހެންނަމަވެސް، އެ ވަގުތު ޠަވާފުކުރަމުން ދިޔަ ޔަމަނުކަރައިގެމީހަކު އެކަން ހުއްޓުވިއެވެ.

🚩އަދި ހިޖުރައިން 413 ވަނަ އަހަރުގެ ޙައްޖުމަހުގެ 12 ވަނަ ދުވަހު މުލްޙިދުން ޙަޖަރުލްއަސްވަދަށް ގެއްލުން ދިނެވެ. ޙައްޖުވެރިން އެއިރު މިނާއިން މައްކާއަށް ނާދެއެވެ. އެއިގެ ތެރެއިން މީހަކު އިމާމުމީހާ ސަލާމްދިން ވަގުތު، ޙަޖަރުލްއަސްވަދުގެ ކައިރިއަށް ބީހުމަށްކަމަށް ގޮސް، ޙަޖަރުލްއަސްވަދުގައި 3 ފަހަރުޖެހިއެވެ. މީގެ ސަބަބުން އެ ހިލައިގެ ބައެއް ބައިތައް ފުނޑުފުނޑުވެގެން ވެއްޓުނެވެ.

🚩 އަދި ޙިޖުރައިން 990 ވަނަ އަހަރު ޢިރާޤު މީހަކުވެސް ޙަޖަރުލްއަސްވަދަށް ޙަމަލާ ދިނެވެ.

🚩 އަދި ހިޖުރައިން 1351 ވަނަ އަހަރުގެ މުޙައްރަމު މަހުގެ ތެރޭގައި؛ އީރާނު މީހަކު ޙަޖަރުލްއަސްވަދުން ބަޔަކާއި، ގެފުޅުގެ އުރަކޮޅުން ބައެއް ވަގަށް ނެގުމަށް މަސައްކަތްކޮށްފައިވެއެވެ.

ނޯޓް
މިއީ ޝެއިޚް ސިނާންގެ ލިޔުއްވުމެއް އަސްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ. އަރޓިކަލްގެ 90 ޕަސެންޓް ޢިބާރާތަކީ ޝެއިޚް ސިނާންގެ ޢިބާރާތްތަކެވެ.
1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top