ވާހަކަ
އެރޭގެ ފަހުން

ޑިއުޓީ ނިންމާލާފައި ގެއަށް ދިޔުމަށްޓަކައި އަހަރެން ނިކުމެ ސައިކަލަށް އަރައިގެން ދުއްވާލީމެވެ. އޭރުވެސް ހިސާބަކަށް ވާރޭ ކަނި ޖަހަމުންދެއެވެ. ނަމަވެސް ވަރުބަލި ވެފައި ހުރިލެތް ބޮޑުކަމުން އަހަރެން ހުރީ ގެއަށްދާން ބޭނުންވެފައެވެ. ވަރުބަލިފިލުވާލާ، އަރާމުކޮށް ނިދާލުމަށެވެ.

Ads by Lozano

އަހަރެންގެ މަންޒިލަށް ނުފޯރަނީސް ގަދަވަޔާއެކު ބޯކެރިގަނޑު އޮއްސާލައިފިއެވެ. ސައިކަލު މަޑުކޮށް، އަތްދަބަހާއި ފޯނު މަޑިދަށަށް ލާފައި އަނެއްކާވެސް އަހަރެން ދުއްވާލީމެވެ. އަހަރެން ދިޔައީ ތެމެމުން ފިނިވަމުންނެވެ. ކޮންމެ ގޮތެއްވިޔަސް އަހަރެން ބޭނުމީ އަވަހަށް ގެއަށްދާށެވެ. މަގުމަތީގައި ފެންބޮޑުވަމުންގޮސް ފެންކޯރުތައް ހެދެން ފަށައިފިއެވެ. ބޭނުންވާވަރަށް ބާރަށް ނުދުއްވޭތީ ސައިކަލުގެ ސުޕީޑުވެސް ދަށްކޮއްލައިފީމެވެ. ފެންގަނޑު ތެރޭގައި ދުއްވަމުން ދަނިކޮށް ޖެހިވަޅުގަނޑަކުން އަހަރެން ސައިކަލާއެކު ފެންގަޑުގެ ތެރެއަށް ވެއްޓިއްޖެއެވެ. އެހީއަކަށް އެދި ގޮވާނީވެސް ކާކަށްހެއްޔެވެ. މުޅި ހިސާބަށްވެސް ވެރިވެފައިވަނީ ފަޅުކަމެވެ. ދުރުން ފެންނަން ހުރި ބައްތިތައް ނޫން އެއްވެސް އެއްޗެއް ނެތެވެ. ފަޔަށް ވީތަދު އިހުސާސްކުރަމުން ކޮންމެވެސް ގޮތަކުން ސައިކަލުގެ ދަށުން ފައިދަމައިގަނެ ތެދުވީމެވެ. ފައިގާ އަޅަމުންދިޔަ ވޭނާއެކުވެސް އަހަރެންގެ އަގުބޮޑު އެއަރްބުލޭޑު ފެންގަނޑުގެ ތެރެއިން ނެގޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ.

ކުއްލިއަކަށް މަގުގެ އަނެއްކޮޅުން ސައިކަލެއް އަންނަތަން އަހަންނަށް ފެނުނެވެ. އަހަންނަށް އެހީވާނެ މަދަދުޤާރަކު އަންނަނީއެވެ. އަހަރެން އެކަމާ އުފާކޮށް ހެއްދެވިފަރާތަށް ޝުކުރުވެރި ވީމެވެ.

ލަހެއްފަހެއްނުކޮށް އަހަރެން އެމީހަކަށް އަތުން ހަނާއެޅީމެވެ. އެސައިކަލު އައިސް މަޑުކޮށްލީ އަހަންނާއި ވަރަށް ކައިރީގައެވެ. މަގުގައި ދިއްލާފައި ހުރި ފަނޑު އަލީގެ ތެރެއިން އަހަންނަށް އެއީ ކާކުކަން އެނގުމާއެކު ބޭއިހްތިޔާރުގައި އަހަރެންގެ މޫނު އަނބުރާލެވުނެވެ. އެއީ އަހަރެން ދުވަހަކުވެސް އެމީހެއްގެ ސޫރަވެސް ދެކެން ބޭނުންނުވާ އިކުރާމެވެ. އާނއެކެވެ. އެއީ ހަމަ އެ އިކްރާމެވެ. އަހަރެންގެ މުޅި ހަޔާތް ބަރުބާދުކޮށްލި މީހާއެވެ. ދުނިޔެއަށް އަހަރެން ގިނަކޮށް ނިކަމެތި ކޮށްލި މީހާއެވެ.

އެވެސް ހަމަ މިކަހަލަ ރެއެކެވެ. އަހަންނާއި އިކުރާމު އެންމެ ފުރަތަމަ ބައްދަލުވީވެސް މިކަހަލަ ތެތް ފިނިރެއެއްގައެވެ. ފިހާރައެއްގެ ދޮރުމަތިންނެވެ. އެރޭ އަހަންނަށް ގެއަށް ނުދެވިފައި ހުއްޓާ އިކުރާމް އޭނާގެ ކާރުގައި އަހަރެން ގެއަށް ލައިދޭން ދިޔައެވެ. އެހިސާބުން ދެމީހުން ރައްޓެހި ރަހުމަތްރެރިންނަށް ބަދަލުވެ، ތަފާތު މެސެޖުތަށް ބަދަލުކޮށް ގުޅުން ވަރުގަދަވާން ފަށައިފިއެވެ. މާގިނަދުވަހެއްނުވެ އިކުރާމް އަހަންނަށް ލޯބިހުށަހެޅިއެވެ. ފުރަތަމަ ނަޒަރުންވެސް އަހަރެންނަށް އިކުރާމް ކަމުގޮސްފައިވާތީ އެހުށަހެޅުން ޤަބޫލުކުރާކަށް މާގިނައިރެއް ނުނެގިއެވެ.

އެހިސާބުން ދެމީހުންގެ ގާތްކަން ކުރިއަށްވުރެވެސް ބޮޑުވިއެވެ. އެކުގައި ތަންތަނަށް ދިޔުމާއި ވަގުތު ހޭދަކުރުން ގިނަވިއެވެ. ފޯނުކޯލުތަށް އިހުނަށްވުރެން ގިނަވިއެވެ. އަހަރެންގެ މުޅި ހިތާއި ނަފުސުގެ މިލްކުވެރިޔަކީ އިކުރާމެވެ. އަހަރެންގެ ހިތުގެ ރާޖާއަކަށް އިކުރާމު ވެއްޖެއެވެ. ބަލާލި ކޮންމެ ދިމާއަކުންވެސް ފެންނަނީ އިކުރާމެވެ. އިކުރާމުއާއި ނުލާ ނޫޅެވޭނެވަރަށް އަހަރެންނަށް އިކުރާމުދެކެ ލޯބި ވެވިއްޖެއެވެ. ވާނީވެސް އެހެންތާއެވެ. އިކުރާމުގެ ވާހަކަދެއްކުމުގައި އެހުންނަ އޯގާތެރިކަމާ ލޯތްބާ އަހަންނަށް އަޅާލާ މިންވަރު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އަހަރެންގެ މައިންބަފައިންނަކީ އެއްވެސް އިރެއްގައި އަހަރެންގެ ކަންކަމާ މާބޮޑަށް ބެހިއުޅޭ ބައެއް ނޫންކަމުން އަހަރެން އިކުރާމާއެކު ކިތަންމެ ގިނަވަގުތު ހޭދަކުރިޔަސް އެމީހުނަށް ހެވެވެ. އެހެންކަމުން މިނިވަން ގުރައެއްހެން އަހަރެން އިކުރާމުއާއިއެކު ލޯބީގެ މާބަގީޗާއެއްގައި އުދުހެމުން ނަށަމުން ގެންދިޔައީމެވެ. މިހާރު އިކުރާމަކީ އަހަރެންގެ ދިރިހުރުމުގެ އުންމީދެވެ. ރޫހެވެ. މިހާބޮޑަށް އިކުރާމުގެކެ ލޯބިވެވުނު އިރުވެސް އަހަރެން އެންމެ ފަހަރަކުވެސް އިކުރާމަކީ ކޮންތަނެއްގެ، ކޮންކަހަލަ، ކީއްކުރާ، ކާކުތޯވެސް ނުބަލަމެވެ. ބަލާކަށް ބޭނުމެއްވެސް ނުވިއެވެ. އެއަށްވުރެ މާބޮޑަށް އަހަރެން އިކުރާމަށް އިތުބާރު ކުރަމެވެ.

އެއްރެއެއްގެ އިރާކޮޅުގެ ވަގުތެވެ. އަހަރެންގެ ފޯނަށް އަހަރެންގެ ހިތުގެ ރާޖާ ގުޅައިފިއެވެ. އަވަހަށް ފޯނުނަގާ ކަންފަތުގައި ޖައްސާލީމެވެ. އޮފީސްދަތުރެއްގައި ރާއްޖެއިން ބޭރަށް ދާންޖެހިއްޖެ ކަމުގައި އިކުރާމު ބުންޏެވެ. ފުރުން އޮތީ ހަމަ އެރޭ ކަމުގަޔާއި އަދި ދެވުނުހާ އަވަހަކަށް ގުޅާނެ ކަމަށް ބުނެ ފޯނު ބައްވައިފިއެވެ.

އެހިސާބުން އަހަންނަށް އިކުރާމުގެ ހަބަރެއްނުވެއެވެ. އެރޭ ހަތަރުދަމު ނުނިދާ އިކުރާމުގެ ފޯނުކޯލެއްގެ އިންތިޒާރުގައި އިނީމެވެ. އޭނާގެ ފޯނަށް ގުޅުނު އަދަދެއްވެސް ނޭނގެއެވެ. އެހެނަސް ފޯނު އޮންނަނީ ނިއްވާލާފައެވެ. އިކުރާމްގެ އާއިލާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިފައި ނުވާތީ އެނާ ހޯދަން ދާނެ ތަނެއްވެސް އަދި އޭނާގެ ވާހަކަ އަހާނީ ކާކުކައިރިން ކަމެއްވެސް އަހަންނަކަށް ނޭނގެއެވެ. އަހަރެން ރެއާއި ދުވާލު އިކުރާމަށް އިންތިޒާރު ކުރީމެވެ. އަހަންނަކަށް ނުއެއްކެވެއެވެ. ކޮޓަރިން ނިކުންނަ ހިތެއްވެސް ނުވެއެވެ. ތާއަބަދު އޮންނަނީ ކޮޓަރީގެ ތެރޭގައެވެ. މިގޮތުގައި ބަރާބަރު 1 މަސް ހޭދަވެއްޖެއެވެ. އިކުރާމުގެ ހަބަރެއް ނުވިއެވެ.

ދުވަސްތަށް މާޒީއާއި އެކުވަމުން ދިޔައެވެ. ހިތާ ދެކޮޅަށް ނަމަވެސް، އިކުރާމުގެ ހަބަރެއް ނުވުމުން އަހަރެން ގަސްދުކުރީ އޭނާގެ ހަނދާންތަށް ހިތުގެ ކަނެއްގައި ފަސްއަޅާ ފޮރުވާލުމަށެވެ. އޭނާ އަހަންނަށް ބޭވަފާތެރިވީ ކަމުގައި ސިކުނޑި ބުންޏަސް ހިތް އަދިވެސް އެކަމެއް ޤަބޫލެއް ނުކުރެއެވެ.

އެއްރެއަކު އަހަރެންގެ ތިމާގެ ކުއްޖެއްގެ ކައިވެނި ޕާޓީ ނިންމާލާފައި އަހަންނާއި އަހަރެންގެ ރަހުމަތްތެރި މިޝްކާ ހިނގަމުން ދިޔައީ ގެއަށް ދިއުމަށެވެ. މަޑުހިނގުމުގައި ދެމީހުން ހިނގަމުން ދަނިކޮށް ބޯކެރިގަނޑެއް އޮއްސާލައިފިއެވެ. ވާރޭން ހިޔާވުމަށްޓަކައި ދެމީހުން ދުވެފައިގޮސް އެންމެ ކައިރީގައި ހުރި ގޭގެ ދޮރުއަށިން އެތެރެއަށް ވަނީމެވެ. އަހަރެންގެ ގައިގާ ހީވީ މީހަކު ކަރަންޓުޖެއްސި ހެނެވެ. ފެނުނު މަންޒަރަކުންނެވެ. ހުޅުވިފައިވާ ގޭގޭ މައިދޮރުން އެގޭގޭ ސިޓިންގ ރޫމް ވަރަށް ރަނގަޅަށް ފެންނަން ހުއްޓެވެ. “ބައްޕާ! މަންމައަށްވެސް އުންމައެއް ދެއްވާ”. 3 އަހަރަށް ދާވަރުގެ ލޯބި ކުޑަ އަންހެން ކުއްޖަކު ވާހަކަދައްކަން އިނީ އިކުރާމުގެ އުންގުގައެވެ. އާނއެކެވެ. އެއީ ހަމަ އިކުރާމެވެ. އަހަރެންގެ އިކުރާމެވެ. އެވަގުތު އިކުރަމު ހީލައިފައި ކައިރީގައި އިން އަންހެން މީހާގެ ގައިގާ ކުޑަކޮށް ބައްދާލާފައި އެމީހާގެ އަތަށް ބޮސްދިނެވެ. ލޯމަތިން ފެނުނު މަންޒަރުގެ ސަބަބުން އަހަރެންނަށް އަހަރެންގެ އަމިއްލަ ނަފްސުދެކެ ރުޅިއާދެވުނެވެ. އިކުރާމަކީ ކިހާވަރެއްގެ ބޮޑު ކެހިވެރިއެއްކަން އަހަންނަށް އެނގުނެވެ. އަހަރެން އަޒުމުކަނޑައެޅީ އެރެއަށްފަހު އަހަރެންގެ ހަޔާތަށް އެއްވެސް ފިރިހެނަކު ނުގެނައުމަށެވެ. އަހަރެން ޤަބޫލުކުރާގޮތުގައި ހައްތަހާވެސް ތިބޭނީ އިކުރާމެވެ. އެކަހަލަ ކެހިވެރިންނެވެ.

އަހަރެންގެ ގައިގާ ނެއްބާރުލާފައި ސައިކަލު ނަގާ ކޮޅަށް ޖެހީމެވެ. އަދި ފަސްއެނބުރި ބަލާލުމެއްނެތި ދުއްވާލީމެވެ. ކިތަންމެ ބޯކޮށް ވާރޭވެހުނަސް އެންމެ ހިނދުކޮޅަކުވެސް އެތާންގައި ހުންނާކަށް ބޭނުމެއް ނޫނެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top