ޚަބަރު
ކައްދޫ އެތައް މިލިއަނަކުން ގެއްލުމުގައި: ހައްލަކީ ބައިނަލްއަގުވާމީ ކުރުން؟

ލ. އަތޮޅުގެ މަލަމައްޗަކީ ވަކިން އޮތް ރަށެއްގައި ހިންގަމުން އަންނަ ކައްދޫ އިސްކަންދަރު އެއާ ބޭހެވެ. ކައްދޫ އެއާޕޯޓެވެ. ރާއްޖޭގެ އަތޮޅު ތެރޭގައި ހިންގަން ފެށި އެންމެ ފުރަތަމަ އެއް އެއާޕޯޓެވެ. އެއާޕޯޓް ތަރައްގީކޮށް، ލ. އަތޮޅަށް ރާއްޖެ ހުޅުވާލެވުނުތާ ޒަމާންތަކެއް ވެއްޖެއެވެ. މިއަދާ ހަމައަށް އެކިއެކި ބަދަލުތައް ގެނެސް، އެކިއެކި ގޮތްގޮތަށް އިދާރީ ހިންގުން ބައްޓަން ކުރަން މަސައްކަތް ކޮށްފިއެވެ.

Ads by Lozano

ކައްދޫ އެއާޕޯޓް ހިންގުމަށްޓަކައި ކައްދޫ އެއާޕޯޓް ކޮމްޕެނީގެ ނަމުގައި ސަރުކާރުގެ 100 ޕަސަންޓް ހިއްސާވާ ގޮތަށް ކުންފުންޏެއް ހެދީ 2011 ވަނަ އަހަރުއެވެ. އަދި 2014 ވަނަ އަހަރު އެއާޕޯޓް ހިންގުން ވަނީ ސިފައިންނާ ހަވާލުކޮށްފައެވެ. ކައްދޫ އެއާޕޯޓް މިހާރު ހިންގަމުން ދަނީ ވެސް “ކައްދޫ އަސްކަރީ ބޭސް”ގެ ނަމުގައެވެ. ކައްދޫ އެއާޕޯޓަށް ވަކި ކުންފުންޏެއް ހަދައި، އެއާޕޯޓަށް ތަރައްގީ ގެނެވޭނެ ކަމަށް އުންމީދުތަކެއް ހުރި ނަމަވެސް، ލ. އަތޮޅު ރައްޔިތުންގެ އުންމީދާ ގާތަށްވެސް އެއާޕޯޓު ތަރައްގީ ކުރެވިފައި ނުވާކަން ޔަގީނެވެ. ހާއްސަކޮށް އެތައް ފަހަރަކު ވެރިން، ކައްދޫ އެއާޕޯޓް ބައިނަލްއަގުވާމީކޮށް، އެއާޕޯޓް ބޮޑުކުރުމުގެ ވާހަކަވެސް ދެއްކިއެވެ. އެކަންކަމަށް އެއްވެސް އަމަލީ ސިފައެއް އަދި ޖެހިފައެއް ނުވެއެވެ.

އެކަން އެހެން އޮއްވާ، މިދިޔަ ދެ ދުވަހެއް ތެރޭގައި އެތައް ބައެއްގެ ސަމާލުކަން ހުއްޓުނީ 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓަކަށެވެ. އޮޑިޓާ ޖެނަރަލް ހުސައިން ނިޔާޒީ ސޮއިކުރައްވާ ނެރުއްވާފައިވާ ކައްދޫ އެއާޕޯޓް ކޮމްޕެނީ ލިމިޓެޑްގެ 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ލ. ކައްދޫ އެއާޕޯޓް ހިންގުމަށް ހަދާފައިވާ ކައްދޫ އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް އުފެއްދި ފަހުން 221 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

އޮޑިޓް ރިޕޯޓު: ކައްދޫ އެއާޕޯޓް ހިންގުމުގެ ހަރަދު މާބޮޑު

އޮޑިޓާ ޖެނަރަލް ހުސައިން ނިޔާޒީ ސޮއިކުރައްވާ ނެރުއްވާފައިވާ ކައްދޫ އެއާޕޯޓް ކޮމްޕެނީ ލިމިޓެޑްގެ 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ކައްދޫ އެއާޕޯޓް ކުންފުންޏަށް އާމްދަނީ ލިބެނީ ކޮމާޝަލް އޮޕަރޭޝަންތަކާއި، އެއަރޮނޮޓިކަލް އޮޕަރޭޝަންތަކުގެ އިތުރުން ހަރުމުދާ ކުއްޔަށް ދީގެންނެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2020 ވަނަ އަހަރު ކައްދޫ އެއާޕޯޓް ކޮމްޕެނީއަށް އާމްދަނީ ގޮތުގައި ލިބުނީ 6.6 މިލިއަން ރުފިޔާއެވެ. ކައްދޫ އެއާޕޯޓް ކޮމްޕެނީއަށް ގެއްލުންވާ މައިގަނޑު އެންމެ ބޮޑު ސަބަބަކީ ހަރުމުދާ ބެލެހެއްޓުމާއި މަރާމާތު ކުރުމަށް ބޮޑު ހަރަދެއް ކުރަންޖެހުމެވެ. ކައްދޫ އެއާޕޯޓް ކޮމްޕެނީގެ ހިންގުމުގެ ހަރަދު ބޮޑުވުމަކީ ވެސް އެކުންފުންޏަށް ގެއްލުންވާ ސަބަބެކެވެ. އެގޮތުން 2019 ވަނަ އަހަރު 27.2 މިލިއަން ރުފިޔާ އަދި 2020 ވަނަ އަހަރު 25.2 މިލިއަން ރުފިޔާ ހިންގުމުގެ ހަރަދުގެ ގޮތުގައި ހަރަދުކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓްގައިވާ ގޮތުން ކުންފުންޏަށް ލިބުނު އާމްދަނީގެ 84 އިންސައްތަ ހަރަދުކޮށްފައިވަނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށެވެ. އަދި 2020 ވަނަ އަހަރު ކުރިމަތިވި ކޮވިޑް 19 އާއި ގުޅިގެން އެހެން ކުންފުނިތަކަށް ދިމާވި ގެއްލުން ކައްދޫ އެއާޕޯޓަށްވެސް ކުރިމަތިވިއެވެ.

ކައްދޫ އެއާޕޯޓް —

އޮޑިޓް ރިޕޯޓްގައިވާ ގޮތުން ކައްދޫ އެއާޕޯޓް ކުންފުންޏަށް ގެއްލުންވުމުގެ ސަބަބުތަކުގެ ތެރޭގައި ބައެއް ކުންފުނިތަކުން އެ ކުންފުންޏަށް ދައްކަންޖެހޭ ފައިސާ ނުދެއްކުންވެސް ހިމެނެ އެވެ. އޮޑިޓުން އެނގުނު ގޮތުގައި ކައްދޫ އެއާޕޯޓް ކުންފުންޏަށް އެންމެ ބޮޑަށް ދަރާފައި އޮތީ އައިލެންޑް އޭވިއޭޝަނެވެ. އެ ކުންފުނިން 36.5 މިލިއަން ރުފިޔާ ދައްކަން ޖެހިފައި އެބައޮތެވެ. އޮޑިޓާ ޖެނަރަލް ވަނީ ކައްދޫ އެއާޕޯޓް ކުންފުނީގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ހަރުމުދަލަށާއި ހިންގުމުގެ ހަރަދަށް ކުރާ ހޭދަ ކުޑަކުރުމަށް ލަފާ ދެއްވާފައެވެ.

ކައްދޫ އެއާޕޯޓަށް އޮތީ ކޮން ހައްލެއް؟

ަކައްދޫ އެއާޕޯޓަކީ އެކިއެކި ދުވަސްވަރު އެކިއެކި ގޮތްގޮތަށް ސަރުކާރުތަކުންވެސް ނާޖައިޒު ފައިދާ ނެގުމަށް ބޭނުންކުރާ ސިޔާސީ ހަތިޔާރެއްކަން ޔަގީނެވެ. ނިމިދިޔަ އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ކައްދޫ އެއާޕޯޓް ބައިނަލްއަގުވާމީ ކުރަން ދެތިން ފަހަރަކު ވައުދުވިއެވެ. އަދި އެ މަސައްކަތަށް، ދައުރު ނިމެން ދަނިކޮށް “ކަޑަވެސް ޖެއްސެވި،” އެވެ. އެއީ އެއާޕޯޓް ބައިނަލްއަގުވާމީ ކުރަން، އެމްޓީސީސީއާ ހަވާލުކުރައްވައިގެންނެވެ. އެ މަސައްކަތް ނުފެށި، ވެރިކަން ނިމިގެން ދިޔައީއެވެ. އެ ވާހަކަ އެކަންޏެއް ނޫނެވެ. މީގެ ކުރިން ކައްދޫ އެއާޕޯޓުން އެތައް ބަޔަކަށް ވަޒީފާ ދީ، އޯވާ ސްޓާފްކޮށް ތަން ހިންގަން މަސައްކަތް ކުރިތަންވެސް ފެނުނެވެ.

އެ ހުރިހާ ކަމެއްގެ ގެއްލުންވެ، ކައްދޫ މިހާރު އޮތީ ބޮޑުތަނުން ގެއްލުމުގައެވެ. ކައްދުއަށް ދޭން ޖެހޭ ފައިސާވެސް ނުދެވި އޮތް ކުންފުނިތަކުން، ފުރަތަމަ އެކަން ފުރިހަމަ ކުރަން ޖެހޭ ކަމަށް ބެލެވެއެވެ. އަދި މިހާރު ކައްދޫ އަމިއްލައަށް ރެސްޓޯރަންޓް ހިންގައި، ގެސްޓް ހައުސް ހިންގަން ފެށުމަކީ ހެޔޮ ފާލެއް ކަމަށްވެސް ފެނެއެވެ. އެކަންކަން ކުރިއަށްލައި، އަސްދަނޑިން ބޭރަށް އަމާޒު ނުހިފަންވީ އެއްވެސް ސަބަބެއް ނެތެވެ. ބައިނަލްއަގުވާމީ އެއާޕޯޓަކަށް ކައްދޫ އެއާޕޯޓް ހެދުން އެއީ ލާމު ރައްޔިތުންނަށް ހައްގުވާ މިންވަރުން ބައެކެވެ. އެއީ ކުރަން ޖެހޭ ކަމެކެވެ.

ބައިނަލްއަގުވާމީ ވައިގެ ބަނދަރަކަށް އެއާޕޯޓް ތަރައްގީކޮށް، ޕްރައިވެޓް ޖެޓް ޖެއްސެން ފެށުމަކީ ލިބޭ އާންމުދަނީއަށް އަސަރުކުރާނެ ކަމެއް ކަމަށް ފަންނީ ބޭފުޅުން ފާހަގަކުރައްވައެވެ. އޭގެ އިތުރުން ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިންނަށް ގެސްޓް ހައުސް ވިޔަފާރި ފުޅާކުރެވި، ރެސްޓޯރަންޓްގެ ކޮލިޓީ ރަނގަޅުކޮށް، ފެންވަރު ރަނގަޅު ރެސްޓޯރަންޓެއްގެ ގޮތުގައި ރެސްޓޯރަންޓް ހިންގުންވެސް އެއީ ކައްދޫގެ އާންމުދަނީއަށް އާންމުގެ ހިޔާލުގައި ހުންނާނެ ކަންކަމެވެ.

ކައްދޫގެ ހަރުމުދާ ވިއްކުމަކީ ހަމައެކަނި ކައްދުއަށް އޮތް ހައްލު ނޫން ކަމަށްވެސް ގިނަ ބަޔަކު ފާހަގަކުރެއެވެ. އަދި އެކަން ވިސްނުމަށް ގެނެވެންވެސް ވާނެއެވެ. ކައިރީގައި އޮތީ މަދު ރިސޯޓެކެވެ. އެ ރިސޯޓުތަކުން އެއާ ޓެކްސީގެ ހިދުމަތް ބޭނުންކުރަން ފެށުމާއެކު ކައްދުއަށް ޖައްސާ ފްލައިޓްތައް ބޮޑުތަނުން މަދުވެގެން ދެއެވެ. އޭގެ އަސަރު މުޅި ކައްދޫގެ އާންމުދަނީއަށް ކުރާނެއެވެ. އެހެންކަމުން ޖުމުލަ ހައްލު، މުޅި ލާމުގެ ތަރައްގީއާ ގުޅެއެވެ. ސަރަހައްދީ އިގުތިސާދީ ހަބަކަށް ލާމު ހެދިގެން ނޫނީ ކައްދޫ އެއާޕޯޓަށްވެސް ހައްލެއް ނެތެވެ. ރިސޯޓުތައް ތަރައްގީ ވާން ޖެހެއެވެ. ގިނަ ވާން ޖެހެއެވެ. އިގުތިސާދީ މަސައްކަތްތަކުގެ ދުވެލި ބާރުވެ، ސަރަހައްދީ ހައްލެއް ކައްދުއަށްވެސް ބޭނުންވެއެވެ.

ސިފައިންގެ ތެރެއިން އަންނަ ބޯޑެއް ނަމަވެސް، ސަރުކާރުގެ ބޯޑެއް ނަމަވެސް، ރީޖަނަލް އެއާޕޯޓްސް ނަމަވެސް، ކައްދުއަށް ފައިދާ ވާން އޮތީ އެއާޕޯޓު ބައިނަލްއަގުވާމީވެ، ލާމު އެކު ތަރައްގީވެގެން ކަމަށް ފެނެއެވެ.

4
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ލާމު ބޮޑަމީހާ6 މަސް ކުރިން

ކެރާން ޖެހެން ކަމެއް. ޢެކަމަކު ބަޔަކު ނުކޮށްދޭޅަ

0
0
Home
Menu
Search
Back to top